ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ލިސްޓެއް: ކަރަންޓު އަގުހެޔޮކުރުން ހިމެނޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަންތައްތަކެއްގެ ލިސްޓެއް އިއުލާނުކުރައްވައިފި އެވެ.

ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ލިސްޓުގެ އެންމެ ކުރީގައި އޮތީ ކަރަންޓުގެ އަގުހެޔޮކުރެއްވުމެވެ.

ރައީސް ސޯލިހު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ އަށް ކިޔައިވައިދިނުމުގެ ފުރުސަތު ހުޅުވައިލުމާއި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ހިމެނެ އެވެ.

ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ލިސްޓުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި، ޕެންޝަން ފަންޑުން ފަރުޟު ހައްޖަށް ދެވޭނެ ފުރުަސަތު ހަމަޖައްސެވުމާއި ރާއްޖޭގެ މަސްކަނޑުތަކުން މަސްވެރިކަންކުރުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ދިނުން ހުއްޓައިލުން ހިމެނެ އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެއަށް އެތެރެކުރާ ތަކެތީން އިމްޕޯޓު ޑިއުޓީ ނެގުން ހުއްޓައިލައްވައި ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ހަމައެކަނި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ބޭނުންކުރުމަށް ކަނޑައަޅުއްވާނެ އެވެ.

މީގެ އިތުރުން 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ރައީސް ސޯލިހު އިއުލާނު ކުރެއްވި ކަންކަމުގެ ތެރޭގައި، ހުރިހާ ރައްޔިތުންނަށް ޚާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެއްޓެވުމާއި އިމަޖެންސީ އެމްބިއުލާންސްގެ ޚިދުމަތް ހުރިހާ އަތޮޅުތަކަށް ލިބޭނޭ ގޮތަށް ޕްރޮގްރާމެއް ފެއްޓެވުމާއި ނަފުސާނީ ބަލި ހުންނަ ފަރާތްތަކަށް ޚާއްސަ އިންސްޓިޓުޓެއްގެ ޚިދުމަތް ފެއްޓެވުން ވެސް ހިމެނެ އެވެ.