އިންސާނީ ހައްގުތަކުގެ މައުލޫމާތު ފަސޭހައިން އާންމުންނަށް ފޯރުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން، ހިއުމަން ރައިޓްސް އޮންލައިން ރިސާޗުގެ ނަމުގައި ޕޯޓަލެއް އިފްތިތާހު ކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ މިއަދު އެޗްއާރުސީއެމުން ބޭއްވި ޖަލްސާއެއްގައި އެޓާނީ ޖެނެރަލް އަލްއުސްތާޒު އިބްރާހިމް ރިފްއަތެވެ.
މި ޕޯޓަލުން އިންސާނީ ހައްގުތަކާއި ބެހޭ ތަފާތު މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެޗްއާރުސީއެމުން މައުލޫމާތު ދެއެވެ. މި ޕޯޓަލަކީ މޯބައިލް ފޯނާއި ޓެބްލެޓް މެދުވެރިކޮށް ފަސޭހަކަމާއިއެކު ބޭނުންކުރެވޭ އިނގިރޭސިބަހާއި ދިވެހި ބަހުން ތައްޔާރު ކޮށްފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލްގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އދ ގެ ކޮމިޓީތަކުން އެކުލަވާފައިވާ ލިޔެކިޔުންތަކުގެ އިތުރުން ކޮމިޝަނުންނާއި އެހެން ފަރާތްތަކުން އެކުލަވާލާފައިވާ އިންސާނީ ހައްގުތަކާއި ގުޅުންހުރި ރިޕޯޓުތަކާއި ވީޑިއޯތައް ހިމެނޭނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.