އިބްރާހިމް ޒަކީ
ކާމިޔާބު ހޯދަން އެންމެ މުހިއްމު އެންމެ ބޭނުންތެރި އެއްޗަކީ އަހުލާގު (ޑިސިޕްލިން) ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުތު އޭޝިއާ ގޭމްސް އިން މެޑެލްތައް ހާސިލްކުރި، ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމާއި އެތުލީޓުންނާ ބައްދަލު ކުރައްވައި މަރުހަބާ ވިދާޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ.
ރައީސް ވިދާޅުވީ، ކިތަންމެ ހުނަރެއް ހުރި ނަމަވެސް ޑިސިޕްލިން ނެތްނަމަ ކާމިޔާބު ނުވާނެ ކަމަށާއި ރަނގަޅަށް ޓްރެއިން ވުމަށްވެސް ބޭނުންވަނީ ޑިސިޕްލިން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވަރަށް ހުނަރުވެރި ކުޅުންތެރިން، ވަރަށް ހުނަރުވެރި އެތުލީޓުން އަޅުގަނޑުމެންގެ ތެރެއިން ފެނިގެން ގޮސްފައިވާ ކަމަށާއި ވަކި ހިސާބަކުން އެފަރާތްތަކަށް ކުޅިވަރާ ދުރަށްދާން ޖެހެނީ އެކުދިންގެ އަހުލާގު ހުންނަ ގޮތުން ޑިސިޕްލިން ރަނގަޅަށް ނުހިފެއްޓިގެން ކަމަށެވެ. އަދި ރަނގަޅަށް ޓްރެއިން ކުރުމާއި ރަނގަޅަށް ސިއްހަތު ސަލާމަތުން ބެލެހެއްޓުމަކީ ކުޅިވަރުގައި އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރި ދެކަންތައް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ތިކުދިންނަށް ދޭން އޮތް ނަސޭހަތަކީ ކާމިޔާބު ހޯދުމަށްޓަކައި އެންމެ މުހިއްމު، އެންމެ ބޭނުންތެރި، އެއްޗަކީ އަހުލާގު، ޑިސިޕްލިން، ރަނގަޅަށް ޓްރެއިނިންގ ކުރުމުގައިވެސް ބޭނުން ވަނީ ޑިސިޕްލިން އެ ނެތިއްޔާ ކިތަންމެ ހުނަރެއް ހުރި ކުއްޖެއްވިޔަސް ކާމިޔާބާ ހިސާބަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ފެނިފަ އެބަހުރި ވަރަށް ހުނަރުވެރި ކުޅުންތެރިން، ވަރަށް ހުނަރުވެރި އެތުލީޓުން، އެހެން ނަމަވެސް ވަކި ހިސާބަކުން ކުޅިވަރާ ދުރަށްދާން ޖެހެނީ އެކުދިންގެ އަހުލާގު ހުންނަ ގޮތުން، ޑިސިޕްލިން ރަނގަޅަށް ނުހިފެހެއްޓިގެން، އެހެންވީމަ ރަނގަޅަށް ޓްރޭން ކުރުމާއި ރަނގަޅަށް ސިއްހަތު ސލާމަތުން ބެލެހެއްޓުމާއި މިއީ ކުޅިވަރުގައި އެންމެ ބޭނުންތެރި، އެންމެ މުހިއްމު ދެކަންތައް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަހުލާގާއި، ރަނގަޅު ސިއްހަތެއްގައި ހުރެ ކޯޗުންގެ ޓްރެއިނިންގ ކަނުލާ އަޑު އަހައިގެން ކުރިއަށް ގޮސްފިނަމަ ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން ޗީފް އޮފް ޑިފެންްސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގެން މަރުހަބާ ދެންނެވި އެވެ.