ޚަބަރު

މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް އިފްތިތާހު ކޮށްފި

މުހައްމަދު ޝަހީމް

އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، ނެޝަނަލް އެކްޝަން ޕްލޭން ތަންފީޒުވަމުންދާ މިންވަރު މޮނީޓާރ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަންއާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން "މޯލްޑިވްސް ހިއުމަން ރައިޓްސް ޕޯޓަލް"ގެ ނަމުގައި ޕޯޓަލެއް އިފްތިތާހު ކޮށްފިއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހެވެ.

މި ޕޯޓަލަކީ އެޓާނީ ޖެނެރަލް އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނާ ގުޅިގެން ޑެނިޝް އިނިސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް އެހީތެރިކަމާއި އެކު ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. މި ޕޯޓަލްގެ މަގުސަދަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާތަކުން ލިބިދޭ ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އުފުލަން ޖެހޭ ޒިންމާތައް އަދާކުރާ މިންވަރު މޮނީޓާ ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

މި ގޮތުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާން ކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ރާއްޖެއިން ބައިވެރިވެފައިވާ އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ތަންފީޒުވާ މިންވަރު، އަދި އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ޓްރިޓީ ބޮޑީތަކުންނާއި ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދަށުން، ދިވެހި ދައުލަތަށް ހުށައަޅާފައިވާ ހުށައެޅުންތަކާއި އެޗްއާރުސީއެމުން ހުށައަޅާ ހުށައެޅުންތައް ދައުލަތުން ތަންފީޒުކުރާ މިންވަރު ދެނެގަތުމުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭން ތަންފީޒުވަމުން އަންނަ މިންވަރު ދެނެގަތުމަށް މި ޕޯޓަލްގެ ސަބަބުން ފަސޭހަވެގެންދާނެކަމަށް އެޗްއާރުސީއެމުން ބުންނެވެ.

މީގެ އިތުރުން މި ކަންކަން ތަންފީޒުކުރުމަށް ދައުލަތުގެ މުއަައްސަސާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް އެއްކުރަމަށް ފަސޭހަވެ އެ މައުލޫމާތު އެއްތަނަކުން ފެންނާނެ ގޮތް ފަސޭހަވެގެން ދާނެކަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ.

.

ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ދުވަހެއް ފާހަގަކުރާމިއީ 16 ވަނަ އަހަރެވެ.