އިބްރާހިމް ޒަކީ
ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގަށް އެންމެ ބޮޑަށް ހުރަސްއެޅެނީ، އިގްތިސާދީ ބައެއް ހަރަކާތްތަކުގެ ސަބަބުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭ ފައިބަރުގެ މަސައްކަތްތަކާއި، ގޭބިސީތައް ކައިރީގައި ހިންގާ ވާކްޝޮޕް ތަކާއި، ގަރާޖް ތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ފުރާނައަށް ގެއްލުންވާ އެތައް މައްސަލަތަކެއް ކުރިމަތިވާ ކަމަށެވެ.
އިންސާނީ ހައްގުތަކަކީ ގާނޫނެއްގައި ލިޔެގެން، ނުވަތަ ހަމައެކަނި ސިޔާސަތުތަކެއް ކަނޑައަޅައިގެން، ރައްކާތެރިކޮށް ދެމެހެއްޓޭނެ ހައްގުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
އަދި އިންސާނީ ހައްގުތަކަކީ ހަމައެކަނި، ދައުލަތުގެ މުއައްސަސާތަކާއި، ޝަރުއީ ކޯޓުތަކާއި، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުން ރައްކާތެރި ކުރެވޭނެ ހައްގުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގައި އެންމެ މުހިންމީ ރައްޔިތުންގެ ފަރުދީ ޒިންމާ ކަމަށާއި ހާއްސަ ގޮތެއްގައި، ގައުމުގެ ކުރިމަގު އެބަޔަކަށް ވާރުތަވާން ތިބި މިއަދުގެ ޒުވާނުން، މިކަމުގައި އަދާކުރަންޖެހޭ ދައުރު ވަކިން ބޮޑުކަކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރުވެސް، ޒުވާނުންނަށް އަމާޒުކޮށްފައި އޮތުމުން، މިކަމުގައި ޒުވާނުންގެ ޒިންމާ ވަރަށް ބޮޑުކަން ގަބޫލުކުރަންޖެހޭ. އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭނީ، އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގަނެގެން،" ރައީސް ވިދާޅުވިއެވެ.