އިބްރާހިމް ޒަކީ
ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ވަނީ ޖަޒީރާ ވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިހުސާސް ކުރެވޭފަދަ އަމާން ވެއްޓެއް ގާއިމް ކުރުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ ދިރިހުރުމުގެ ހައްގު ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މީގެ 16 އަހަރު ކުރިން ހާއްސަކޮށްގެން ކޮމިޝަނެއް (ހިއުމަންރައިޓްސް ކޮމިޝަން) އުފެއދީ ވަރަށް މުހިއްމު ބޭނުމެއްގައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ތަކުގައި ތަފާތު ސަބަބުތަކާހުރެ އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައިވާ ކަމަށް ދެންނެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ރަނގަޅުނޫން ބާރު އެ ކޮމިޝަންގެ މައްޗަށް އޮތް އޮތުންކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ހިއުމަންރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދީ އެހީތެރިވެ، މުސްތަގިއްލު ކަމާއެކު މަސައްކަތް ކުުރުގެ ފުރުސަތުދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އާއްމު ރަައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ އެންމެ މަތީ ޒިންމާ ކަމަށެވެ.
ދައުލަތް ހިންގަނީ ސަރުކާރުގެ ބެލުމުގެ ދަށުން ކަމަށްވާއިރު އެއިރަކު އޮންނަ ސަރުކާރަކުން ގާނޫނުއަސާސީއާ ހިލާފްވެ، ގާނޫނުއަސާސީ ކަށަވަރު ކޮށްދޭ ހައްގުތަކާމެދު އިހުމާލުވާނަމަ އިންސާނީ ހައްގު ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، "މި ސަރުކާރުން ރައްޔިތުންނަސްދޭ ޔަގީން ކަމަކީ ދިވެހި ދައުލަތުގެ ކޮންމެ ފަރުދަކަށް އެއްވެސް ތަފާތު ކުރުމެއް، އެއްވެސް އިސްތިސްނާއެއްނެތި ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ އެންމެހާ ހައްގުތައް ހިމާޔަތް ކޮށްދީ ރައްކާތެރި ކޮށްދޭނެކަން،" ކަމަށެވެ.