ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނޫސްވެރިކަމުގެ ހައްގު ބޭނުންކޮށްގެން މީޑިއާތަކުން ސަރުކާރަށް ފާޑުކިޔަން ފަށައިފި، އެއީ ހިތްވަރެއް: ރައީސް

ކަސްތޮޅު އަޅުވާފައި އޮތް ނޫސްވެރިކަން މިނިވަންވެ، ސަރުކާރަށް ފާޑުކިޔަން ފަށާފައިވާ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމަށް މިހާރު ކުރިޔަށް ގެންދާ ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ ހައްގު ފުރިހަމަ ގޮތުގައި ދޫކޮށްލުމަކީ އެއްވެސް ސަރުކާރަކުން ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށާއި އެ ކަމުގައި އެމަނިކުފާނު ޖެހިލުންވެވަޑައިގަންނަވާ ކަމެއް ނެތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ކަސްތޮޅުއަޅުވާފައި ކަމަށާއި އެންމެ ފުރަތަމަ ވެސް އިސްކަން ދެއްވި ކަމަކީ ނޫސްވެރިކަން މިނިވަން ކުރެއްވުން ކަމަށެވެ. އެ ގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ތަސްދީގުކުރެއްވީ އަބުރުގެ ގާނޫނު އުވާލުމުގެ އިސްލާހުކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ތަމްސީލު ކުރެވޭނެ ފަހި ފުރުސަތު ދިވެހި މީޑިއާއަށް ދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މީޑިއާއަށް ފަހި، ފުރުސަތުތައް ދެއްވައި، މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލު ކަށަވަރުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅު ވެފަ އެވެ.

ދައުލަތާއި ސަރުކާރު ޒިންމާދާރު ކުރުމަށް ޓަކައި، ނޫސްވެރީން އެމީހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވުމަށް ރައީސް ސޯލިހު ގެންދަވަނީ އެކި ހަފުލާ ތަކުގައި ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.