މޮރޮކޯ އިން ހަދިޔާކުރި ކާޕެޓް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަމިއްލަ ގެއަށް ގެންދެވި ކަމަށް ދެކެވޭ ވާހަކަ މިނިސްޓްރީން ދޮގުކޮށްފިއެވެ.
މޮރޮކޯއިން ހަދިޔާކުރި ކާޕެޓް އަމިއްލަ ގެއަށް ގެންދަވައި، ޝާހިދު ގޭގައި ބޭނުންކުރައްވާ ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފައެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު "ވަން"އަށް ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި ކާޕެޓް އޮތީ މިނިސްޓްރީގައި ކަމަށެވެ.
"އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް. މިނިސްޓަރު އަމިއްލަ ގެއަކަށް ކާޕެޓެއް ނުގެންދަވާ. ކާޕެޓް އޮތީ މި މިނިސްޓްރީގައި،" މިއުވާން ވިދާޅުވިއެވެ.
އެ ކާޕެޓަކީ މޮރޮކޯއަށް މިނިސްޓަރު ޝާހިދު ކުރެއްވި ދަތުރެއްގައި އެގައުމުން ހަދިޔާކުރި ކާޕެޓެކެވެ. މިދިޔަ މަހު ޝާހިދު ކުރެއްވި އެ ދަތުރުގައި އަންނަ މަހުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި މޮރޮކޯއަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައި، އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފައެވެ. އެ ދަތުރަކީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު މޮރޮކޯއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.