ޚަބަރު

އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް ޖޭޕީން އަބަދުވެސް އިސްކަންދޭނެ: އައިޝާ

އަންހެނުންގެ ތަރައްގީ އާއި ކުރިއެރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަބަދުވެސް އިސްކަންދޭނެ ކަމަށް ޓުރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖޭޕީގެ އަންހެނުންގެ ގޮފި، "ރަތްފިޔަ" އިފްތިތާހު ކުރުމަށް މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވާނެ އަދި އަންހެނުންނަށް ރައްކާތެރިވާނެ ފަރާތްތަކެއް ގިނަވަމުން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ފަރާތްތަކަކީ ޖުމްހޫރީ ޕާޓީގެ ބޭފުޅުން ކަމަށާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކަމަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި އަންހެނުން ރާއްޖޭގެ ވެރިކަމުގައި ހާއްސަ ދައުރެއް އަދާކޮށްފައިވާކަން ތާރީހުން ވެސް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަނިކަން ކުރެއްވި ރެހެންދި ހަދީޖާފަދަ، ގައުމަށް އަގުހުރި އެތައް ހިދުމަތްތަކެއް ކޮށްދެއްވި ކަނބަލުން ރާއްޖޭގެ ތާރީހުން ފެންނަކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، އަންހެނުންނަށް ވޯޓުލުމުގެ ހައްގު ދިން ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ އިތުރުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އިސްކޮށްހުންނަވައި، ރާއްޖޭގައި އުފެއްދެއްވި ފުރަތަމަ ޕާޓީ، މުތަގައްދިމް ޕާޓީގައި ހިމެނުނު 4000 މެންބަރުންގެ ތެރެއިން 1500 އަށްވުރެ ގިނަ މެންބަރުންނަކީ އަންހެނުންކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައިޝާ ވިދާޅުވި ގޮތުގައި، ރައީސް އަމީންގެ އެ މަސައްކަތްޕުޅަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިވެހި އަންހެނުން ސާބިތުވެ ތިބުމަށް ލިބުނު ބޮޑު ފުރުސަތެކެވެ. އަދި އަންހެނުންގެ ކުރިއެރުމަށް އެމަނިކުފާނު ކޮށްދެއްވި މަސައްކަތަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން މިއަދުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ އަންހެން މިނިސްޓަރުން ހިމެނޭ ކެބިނެޓްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، އަންހެނުންގެ ހައްގުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.