މީހަކަށް ޖިންސީ ގޯނާކުރަން އުޅެ، މާރާމާރީ ހިންގި ފުލުހެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ރޭ 22:50 ހާއިރު ފުލުހުންނަށް ހުށަހެޅި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުސް މީހާ ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ފުލުސް މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން ކްރިމިނަލް ކޯޓުން މިއަދު ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް މިވަގުތު އެ މީހާ ހުރީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހިމެނެނީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. އެގޮތުން މާރާމާރީ ހިންގާފައިވަނީ 42 އަހަރުގެ މީހާ 18 އަހަރުގެ މީހާއަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މިހާރު އެ ފުލުސް މީހާގެ ޑިސިޕްލިނަރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އައި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.