ދިވެހި މަސްވެރިންނަށް ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށްވުރެ ބޮޑަށް އިސްތިހާރުކޮށް ރަނގަޅު ބާޒާރުތައް ހޯދުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެންސިސް ދަޅުމަސް ފެކްޓްރީ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކޮށް، ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެކަމުގައި ދިވެހި މަސްވެރިންނާއި މަސްވެރި ކުންފުނިތަކުން ކުރިއަށްދާން ބޭނުންވާވަރަކަށް، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ.
"އެހެންކަމުން، ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކޮށް، ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ދިވެހި މަސްވެރިންނާއި، މަސްވެރި ކުންފުނިތަކުން މިކަމުގައި ކުރިއަށްދާން ބޭނުންވާވަރަކަށް، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދެނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ފެނިގެން މިދަނީ، އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން އިންވެސްޓް ކުރުމުގެ ފޮނި ނަތީޖާ ކަމަށާއި އެންސިސް އިން މި ގާއިމުކުރި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުން ދޭހަކޮށްދެނީ، މަސްވެރިކަމުގެ ސިނާއަތަކީވެސް ރަނގަޅު ރޭވުންތަކަކާއި ދުރު މުސްތަގުބަލުގެ ވިސްނުންތަކާއެކު އިންވެސްޓްކޮށްފިނަމަ، އެކަމުން ރަނގަޅު ފައިދާއާއި ނަފާ ހޯދޭނެ ސިނާއަތެއް ކަމަށެވެ.
"އެންސިސްއިން މިއަދު މި ހުޅުވާ މަސް ކާރުހާނާ އާއި އައިސް ޕްލާންޓަކީ، ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުމުގެ ވަރަށް ރީތި މިސާލެއް. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިހާރު އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އަމިއްލަ ކުންފުންޏަކީ، އެންސިސް ކަމާމެދަކު ޝައްކެއްނެތް. ހަމަގައިމުވެސް ދިވެހި މަސްވެރިން އެކަމާ ޝައްކެއްނުކުރާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންސިސްގެ މި ކާރުހާނާއަކީ މާލެ ސަރަހައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުހާނާ ކަމަށެވެ. އަދި މި ކާރުހާނާގެ އިތުރުން، އެންސިސްގެ ފަރާތުން މިއަދު ހުޅުވި، 100 ޓަނުގެ އައިސް ޕްލާންޓަކީވެސް މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތެއް ކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.