ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖެއަށް އަމާންކަމާއި ހަމަޖެހުން ލިބިފައިވާ ތަނެއް ކަމަށް އުންމީދު ކުރައްވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ އިތުރުން އެއާ ޖެހިގެންވާ މުއްދަތުގައިވެސް އެދެނީ ރާއްޖެއަކީ އަމާން އަދި ހަމަޖެހުން ލިބިފައިވާ ތަނަކަށް ވުން ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ހަވާލުވާ ފަރާތްތަކަކީވެސް ގައުމު ކުރިއަރުވަން މަސައްކަތް ކުރާ ފަރާތްތަކަށް ވުމަށް ދުއާ ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ހުވާކުރުމުގެ ވަގުތު ކައިރިވެފައިވާއިރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދި ދެންމެއަކު ވަނީ ރާއްޖެ ވަޑައިގެންފައެވެ.