އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީކޮށް ފަންނީ ފުރުސަތުތައް ލިބިދޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޮކްސަބާ އާއެކު ރައްޔިތުންގެ މަޖިލީހުން ސޮއިކޮށްފިއެވެ.
ލޮކްސަބާގައި މިއަދު އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވީ އެ މަޖިލިހުގެ ސްޕީކާ ޝްރީ އޯމް ބިރްލާ އެވެ.
"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކްސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހިކުރުމުގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީ ކުރުމާއި ފަންނީ ފުރުސަތުތަކަށް މަގުފަހި ކުރުމަށް ރަސްމީ އޮނިގަނޑެއް އެކުލަވައިލާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވަން މަގުފަހިވެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމަށާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅުންނާ ބައްދަލުކުރުމުގެ އިތުރުން އެ ގައުމުގެ މުހިއްމު ބައެއް ތަންތަނަށް ޒިޔާރަތް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް މިއަދު ވަނީ އިންޑިއާއަށް ޒިޔަރަތްކޮށްފައެވެ.
މަޖލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި ކައުންސެލް ޖެނެރަލް އާއި އަމީން އާއްމު އާއި ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ މި ވަފްދު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިންޑާގައި ހަރަކާތްތެރިވާނެއެވެ.