ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތު އަޅުގަނޑުގެ ސަރުކާރުން ދަމަހައްޓާނަން: ރައީސް ސޯލިހު

އާނިފާ ހުސެއިން ސިރާޖް

ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލެރަންސް ސިޔާސަތު އެމަނިކުފާނުގެ ސަރުކާރުން ދަމަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ މުޖުތަމައުން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކުރާ މަސައްކަތް ފާހަގަކުރައްވައި އެ މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްތައް ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި، މި ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ދަމަހައްޓާނެ ކަމަށެވެ.

އޭގެ އިތުރުން، ކޮރަޕްޝަން ނައްތާލުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް މިއަދު ވަނީ އިލްތިމާސްކުރައްވާފަ އެވެ. ރައީސް މިފަދައިން އިލްތިމާސްކުރެއްވީ މިއަދުގެ މުނާސަބާގައި އެމަނިކުފާނު ނެރުއްވި ހިތޯބުގަ އެވެ.

ސަރުކާރުގެ ނުވަތަ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު ހިދުމަތެއް ދިނުމަށް ރިޝްވަތުގައި ހިފިޔަސް، އެކަން ވެސް އަންގައި ރިޕޯޓު ކުރުމަށް ރައީސް ސޯލިހު މިއަދު ނެރުއްވި ހިތޯބުގައި ވަނީ އެދިވަޑައިގެންފަ އެވެ.