ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މިއަދު ރާއްޖެ ކުރިމަތި މިލަނީ އުންމީދުން ފުރިގެންވާ މަރުހަލާއަކަށް: މައުމޫން

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެ މިއަދު ކުރިމަތި މިލަނީ އުންމީދުން ފުރިގެންވާ މަރުހަލާއަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް، ކޯލިޝަންގެ އިސް ލީޑަރެއްގެ ގޮތުގައި ވެސް ހުންނެވި މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިއަދު ރާއްޖެ ކުރިމަތި މިލަނީ އުންމީދުން ފުރިގެންވާ މަރުހަލާއަކަށް ކަމަށާއި، މިއަދު ހުވާކުރައްވާ އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް މައުމޫން މިފަދައިން ޓުވީޓު ކުރެއްވި އިރު، ރައީސް މައުމޫނަކީ ކޯލިޝަން ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ ދެކޮޅަށް ނުކުންނެވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިއުމުން ކަމަށް ސިޔާސީ ޕޯޑިއަމްތަކުގައި ރައީސް މައުމޫން މީގެކުރިން ވަނީ ވިދާޅުވެފައެވެ.