ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތަކުންނާއި އާންމުން އަޒުމް ކަނޑައަޅަން ޖެހޭ: އެމްއާރުއެމް

މުހައްމަދު ޝަހީމް

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ މުއައްސަސާ ތަކުންނާއި އާންމު ފަރުދުން އާ އަޒުމެއްކަނޑަ އަޅަން ޖެހޭކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމްއިން މިހެން ބުނެފައިވަނީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެމްއާރްއެމްގެ ބަޔާނުގައި ވަނީ ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް މުސްތަގިއްލު އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވުމަށް ބާރުއެޅުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް، ވޭތުވެ ދިޔަ އަހަރުތަކުގައި ކަންކަން ނިމިގެން ގޮސްފައިވަނީ، ވަކި މީހަކު ބުނާގޮތަކަށްކަމީ މިއަދު ގިނަބަޔަކު ގަބޫލުކުރާ ހަގީގަތެއް ކަމަށެވެ.

"ގާނޫނުއަސާސީން ކަނޑައަޅާފައިވާ ލާމަރުކަޒީ އުސޫލުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެން ޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް ގާނޫނުއަސާސީގައި ބުނެފައިވާއިރު، އެ ބާރުތައް ނިމިދިޔަ ސަރުކާރުގައި ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ." އެމްއާރްއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޭގެއިތުރުން، ދައުލަތުގެ ބަޖެޓުގައި ނުހިމެނޭ އެތައް ޕްރޮޖެކްޓެއް ނިމިދިޔަ ސަރުކާރުގައި ހިންގާފައި ވާއިރު، އެފައިސާ ހޯދައިފައި ވަނީ ކިހިނެއްތޯ ބަލައި، ޒިންމާވާން ޖެހޭ ފަރާތްތައް އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަގާފައި ނުވާތީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ޕްރޮޖެކްޓްތަކެއް ވަނީ ހިންގާފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިހާރުގެ ސަރުކާރުން އެކަންކަން ބަލައި، ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރާ ކަމަށާއި މިގޮތުން ބައެއް މައްސަލަތަކުގައި ފިޔަވަޅު އެޅިފައިވާ ކަމީ، މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާކަން ދިވެހިރައްޔިތުންނަށް ފެނިގެން ދިޔަކަމެއް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްއާރްއެމްއިން އިތުރަށް ބުނީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި، ސަރުކާރުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ އަމަލެއް ހިންގުމަށް ފުރުސަތު ނުދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދެއްވާފައިވާކަމީ، މިސަރުކާރުން ކޮރަޕްޝަނާދެކޮޅަށް މަސައްކަތް ހުއްޓުމެއް ނެތި ކުރާނެކަމުގެ ވަރުގަދަ އިންޒާރެއް ކަމަށެވެ.