މަތީ ގައުލީމު

ކޮލެޖުގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުންނޫނީ، އަމިއްލަ ޔުނިވާސިޓީ ނުހެދޭ ގޮތަށް ބިލުގައި ހިމަނައިފި

މުހައްމަދު ޝަހީމް

އަމިއްލަ ޔުނިވާސިޓީތައް އުފެއްދޭނީ، ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުން ކަމަށް، މަތީ ތައުލީމާ ބެހޭ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު ޝަފީގް މޫސާ މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ 10 އަހަރުވުމާއި ޑިޕްލޮމާ އާއި އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ބެޗްލާސް އަދި މާސްޓާސް ޑިގްރީ ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ނަމައެވެ.

މި މާއްދާގައި ކާމިޔާބުކަމާއި އެކު ހިންގުންކަމަށް މާނަކޮށް ބުނެފައި ވަނީ، ތައުލީމީ ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ހިންގުން ކަމަށް ބެލެވޭނީ، އެ ޕްރޮގުރާމެއް އޮތޯރިޓީން ފާސްކުރުމަށް ފަހު އެ ޕްރޮގުރާމެއްގެ ދެ ބެޗް އޮތޯރިޓީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ހިންގުމަށްފަހު ދަރިވަރުން ގުރެޖުއޭޓްވުން ކަމުގައެވެ.

އަދި މި ގާނޫނޫގައިވާ ގޮތުން ކޮޮލެޖް، ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭނަމަ ޔުނިވަސިޓީގެ އުފެއްދުމަށް ބޭނުންވާ ޗާޓަރ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

އެކްރެޑިޓޭޝަން ރިޕޯޓު މިނިސްޓްރީން ދިރާސާކުރުމަށް ފަހު، އެ ރިޕޯޓު ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި ޔުނިވަސިޓީއަކަށް ބަދަލުކުރުމުގެ ހުއްދަ ދިންކަން ނުވަތަ އެ ހުށަހެޅުން ގަބޫލު ނުކުރާކަން، އެ ލިޔުމެއް ހުށަހެޅި ފަރާތަށް އަންގަންވާނެ ކަމަށްވެސް އެ ބިލުގައިވެއެވެ.

ޔުނިވާސިޓީއަކަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާ މައުލޫމާތުތައް ސައްހަ ނުވުމާއި ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޔުނިވާސިޓީއަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށާއި ރަޖިސްޓްރީނުކޮށް އިންސްޓިޓިއުޓް ހިންގައިފި ނަމަ 30،000ރ. އިން ޖޫރިމަނާކުރާން ވެސް ބިލްގައި ވަނީ ހިމަނާފަ އެވެ.

ރާއްޖޭގައި އަމިއްލަ އެއްވެސް ޔުނިވާސިޓީއެއް މި ވަގުތު ނެތެނަމަވެސް ދެ ޔުނިވަސިޓީއެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. އެއީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އެވެ. މީ ތަފާތު ދެ ގާނޫނެއްގެ ދަށުން ހިންގަމުން އަންނަ ދެ ޔުނިވަސިޓީއެވެ.