ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައުލަތް ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުރި އެއްވެސް މީހަކު ހިޔާނާތްތެރިވާ ނަމަ ސިއްރުނުކޮށް އަންގަވާ!: ރައީސް

1

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތޯބުގައެވެ.

ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވީ، ގައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ހިޔާނާތްތެރިކަން އާންމުވުމުން ކަމަށެވެ. އަދި އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާންމުވުމަކީ ގައުމީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖުތިމާއީ އަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި، "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގެ ބޭނުމަކީ، ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ މީހެއްގެ މާލީ ހާލަތު އާންމުކޮށް އެނގުމާއެކު، އެ މަގާމުގައި ހުރެގެން ނުހައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވެފައިވެއެވެ. ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ގާއިމުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނީގޮތުން ގެންނަވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި، ގާނޫނުލް އުގޫބާތުގައި ކަނޑައެޅުމަށް، މިއަހަރުގެ ކުރީކޮޅު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު، އެ ބިލު ފާސްނުވެ އޮތުމުން، މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާ މީހުންނަށް، ގާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ތަސްދީގުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މި ގާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތައިލުމުގައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ދައުލަތުގެ މުއައްސަސާއަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ހިދުމަތެއް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެ ނަމަ، އެކަމެއްވެސް ހާމަކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް އާންމު ނުވާނެ ގޮތަކަށް، ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ގައުމުގެ ކޮންމެ ރައްޔިތަކުމެ، އަމިއްލަ ނަފުސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުމުންކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟