ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އަޅަން ގައުމީ ފަންޑެއް އުފެއްދުމަކީ ސަރުކާރުގެ މުހިއްމު ފިޔަވަޅެއް: މިނިސްޓަރު

އިބްރާހިމް ޒަކީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިރިއުޅުމުގެ ކަންކަމަށް ގެންނަންޖެހޭ ބަދަލުތަކަށް ހޭނުވުމަށްޓަކައި ގާނޫނުން ބާރު ލިބޭ ގައުމީ ފަންޑެއް އުފެއްދުމަކީ ރާއްޖޭގެ ވެށި ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަޅާ ހަރުދަނާ މުހިއްމު ފިޔަވަޅެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގައުމީ ފަންޑެއް އުފެއްދުމަށް ހިމަނައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލަށް އިޝާރާތް ކުރައްވައެވެ.

ނިމިދިޔަ ދައުރުގެ ފަހު ޖަލްސާގައި ފުރަތަމަ ކިޔުން އިއުލާން ކުރި އެބިލުގައި ބުނެފައިވަނީ އެ ބިލު ގާނޫނަކަށްވެ، އެގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގާނޫނުގެ މަގުސަދުތައް ހާސިލު ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ފަންޑެއް ގާއިމުކުރަންވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ފަންޑު ހިންގައި ބެލެހެއްޓުމަށް 30 ދުވަހުގެ ތެރޭގައި ފަންޑު ހިންގާނެ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެގާރަ މެންބަރުން ހިމެނޭ އެ ބޯޑަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ބިލުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ އެ ފަންޑުން ފައިސާ ބޭނުން ކުރަންވާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުވުމަށާއި ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮގުރާމުތަކާއި މަޝްރޫއުތައް ހިންގުމާއި، ލޯ އެމިޝަން އިގްތިސާދުތަކަށް ރާއްޖެ ހެދުމަށް މޫސުމަަށް އަންނަ ބަދަުތަކާގުޅޭ މައުލޫމާތު ދިނުމާއި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ދިރާސާތައް ކޮށް އެކަމަށް ބޭނުންވާ ގާބިލުކަން ހޯދުމަށް ކަމަށެވެ.