ޚަބަރު

މައުމޫނާއި ފާރިސް އަދި ނަދީމު ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއެވެ.

މައުމޫނާއި ފާރިސް އަދި ނަދީމް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 5:00 ގައެވެ. އެ ތިން ބޭފުޅުން ކޯޓަށް ހާޒިރުކުރަނީ ބަންދާމެދު ގޮތެއް ނިންމުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާ ވެސް ވަނީ ނަދީމްގެ މައްޗަށް އުފުލާފައެވެ.

އެ ތިން ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިވަން ކުރުމާމެދު ގޮތެއް ނިންމުމަށް ގޮތެއް ނިންމުމަށް މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް އިއްވާފައިވާ ހުކުމް ވަނީ މިމަހުގެ 15 ވަނަ ދުވަހު ތަންފީޒުކޮށް ނިމިފައެވެ. އޭގެ ފަހުން ވެސް ރިޔާޒް މިނިވަންކޮށްފައިނުވަނީ ފުލުހުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކަމަށް ކްރެކްޝަނުން ބުނެއެވެ.