ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްކަންކުރެއްވި ބޭފުޅުންނަށް ހުކުމް ތަންފީޒްކޮށް ނިމުމުން، އިނާޔަތް ލިބޭގޮތަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް އިއްވައިފިނަމަ އެ ހުކުމް ތަންފީޒުކޮށް ނިންމާ ހިސާބުން، އެ ބޭފުޅަކަށް، ގާނޫނުން ލިބިދޭ އިނާޔަތާއި ރައްކާތެރިކަން އަލުން ލިބެންފަށާ ގޮތަށް، ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް، އަބްދުލްހަކީމް ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހު މިމަހުގެ ދެވަނަ ދުވަހު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކުރިން ގާނޫނުގައި އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު އެ މަގާމުގައި ހުންނެވި އިރު، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެފައިވާ ނަމަ، އޭނާ އާއި އޭނާގެ އަނބިމީހާ އަށް ނުވަތަ ފިރިމީހާ އަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެއެވެ.

މި އިސްލާހު ގާނޫނަށް ގެނައީ، ކުރީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ރައީސް ނަޝީދަށް އަމާޒުކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގާނޫނަށް ގެނައި އެ އިސްލާހު ގާނޫނުން އުނިކޮށް، ކުށް ތަންފީޒު ކުރުމަށްފަހު އިނާޔަތް ލިބޭގޮތަށް މިއަދު ގާނޫނު ތަސްދީގު ކުރެއްވިއިރު، ރައީސް ޔާމީން ހުންނެވީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް މާފުށީ ޖަލުގައެވެ.

މި އިސްލާހު މިހާރު ވަނީ ގެޒެޓްކޮށްފައެވެ.