މިއަހަރުގެ މިސް ޔުނިވާސްގެ މަގާމަށް މިސް ސައުތު އެފްރިކާ ޒޮޒިބިނީ ޓުންޒީ ހޮވިއްޖެއެވެ.
ސުވިމް ސޫޓް ރައުންޑާއި އީވްނިން ގައުން ރައުންޑާއި އިޖުތިމާއީ ސުވާލުތަކާއި މިސް ޔުނިވާސްގެ މަގާމު ހައްގުވާކަން ސާބިތުކުރަން ލިބޭ ފަހު ފުރުސަތުން ޒޮޒިބިނީ އަށް މިއަހަރު ތާޖު ލިބުނީ އެތައް ގައުމެއްގެ ރީތީގެ ރާނީންނާ ވާދަކޮށްގެންނެވެ.
"އަހަރެން ބޮޑުވީ އަހަރެން ގޮތަށް ތިބޭ އަންހެނުން، އެއީ މިގޮތަށް ހުންނަ ހަން އަދި އިސްތަށިގަނޑު، ހުންނަ މީހުންނަކީ ރީތި ބައެއްކަމުގައި ނުދެކޭ ދުނިޔެއެއްގައި. އެކަން މިހާރު މިޖެހެނީ ބަދަލު ކުރަން. އަހަރެން ބޭނުންވަނީ ކުޑަކުދިން އަހަރެންގެ މޫނަށް ބަލައި އަހަރެންނާ ދިމާލަށް ބަލާއިރު އެމީހުނަށް އެމީހުންގެ ކުރިމަގު ފެންނަން" ޒޮޒިބިނީ އޭނާއަށް ލިބުނު ފަހު ފުރުސަތުގައި ބުންޏެވެ.
މިސް މެކްސިކޯ އާއި މިސް ޕައުޓޯ ރިކޯއަށް ވަނީ މިއަހަރުގެ މިސް ޔުނިވާސްގެ ރަނަރަޕްކަން ލިބިފައެވެ.
"ދިރިއުޅުމުގައި ތިމާ ވާސިލުވާން ބޭނުންވާ މަންޒިލާ ހަމަޔަށް ދިޔުމަށް ތިމާގެ ރީތިކަން ބޭނުން ނުކުރާނަމަ އެ ރީތިކަން ވެގެން ދާނީ ހަމައެކަނި ހުސް ގަހަނާޔަކަށް،" މިސް މެކްސިކޯ ސޯފިޔާ އަރަޖޮން ބުންޏެވެ.
"މި ސްޓޭޖުގައި ހުރުމަކީ ހަމައެކަނި ހުވަފެނެއް ނޫން. އަހަރެންނަށް މިޝަންއެއް ލިބިއްޖެ. ގިވް އަޕް ނުކުރީމަ މެޖިކް ފެންނާނެކަން ދުނިޔެއަށް ދައްކަން ބޭނުން." މިސް ޕައުޓޯ ރިކޯ، މެޑިޝަން އެންޑޭސަން ބުންޏެވެ.
މިސް ޔުނިވާސް 2018 ލިބިފައިވަނީ ޕިލިޕިންސްގެ ރީތީގެ ރާނީ، ކެޓްރިއޯނާ ގްރޭއަށެވެ.