ޚަބަރު

މަޖިލިސް ވަފްދުން މަހާތުމާ ގާންދީގެ ހަނދާނީ ބިނާއަށް ޒިޔާރަތް ކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި އެމަޖިލީހުގެ ބައެއް މެންބަރުން ހިމެނޭގޮތަށް ރަސްމީ ދަތުރު ފުޅެއްގައި އިންޑިއާ އަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުން އިންޑިއާގެ ބާނީ މަހާތުމާ ގާންދީގެ ހަނދާނީ ބިނާ، "ރާޖްގަޓަށް" ޒިޔާރަތްކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލިސް ރައީސާއި މެންބަރުން "ރާޖްގަޓަށް" ކުރެއްވި މި ޒިޔާރަތުގައި މަޖިލިސް ރައީސް އެ ތަނުގައި މާބޮޑިއެއް ބާއްވައި ދެއްވުމުގެ އިތުރުން އެތަނަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ލިއުއްވާ ފޮތުގައި ލިއުއްވާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް މަޖިލީހުގެ 15 މެންބަރުން ހިމެނޭ މި ވަފްދުން އިންޑިއާއަށް ކުރައްވަމުން މި ގެންދަވާ ރަސްމީ ދަތުރަކީ، ބަރުލަމާނީ ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް "ލޮކްސަބާ" އާއެކު ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން ސޮއިކުރުމަށް ކުރާ ދަތުރެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، މިދަތުރުގައި "އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކްސަބާ އޮފްދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" ގައި ދެ ފަރާތުން ސޮއި ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ދެމެދުގައި ބަރުލަމާނީ ގުޅުން ބަދަހި ކުރުމުގެ އިތުރުން ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އިދާރާގެ ހިންގުން ތަރައްގީ ކުރުމާއި ފަންނީ ފުރުސަތުތަކަށް މަގުފަހި ކުރުމަށް ރަސްމީ އޮނިގަނޑެއް އެކުލަވައިލާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެފަރާތުން ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލް އަގުވާމީ ބައްދަލުވުން ތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވަން މަގުފަހިވެންދާނެ އެވެ.

މަޖިިލިސް ރައީސް އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން އިންޑިއާއަށް ކުރައްވާ މި ދަތުރުގައި، މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ސިޔާސީ ޕާޓީތަކުން މެންބަރުން ހިމެނޭގޮތަށް 15 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ އަމީން އާއްމު އާއި ކައުންސެލް ޖެނެރަލްވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.