ކުރީގެ ރައީސް ޔާމީންގެ މައްސަލައިގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށް އެމްއާރުއެމްގެ ނައިބު ރައީސާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އިސް ބޭފުޅުން އިއްޔެ ރައީސް ސޯލިހާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުމުގެ ތަފުސީލު ހިއްސާކޮށްފައި ނުވި ނަމަވެސް އެ ބައްދަލުވުމުގެ ކުރިން ޕީޕީއެމްގެ އިސް ބޭފުޅަކު "ވަން"އަށް ވިދާޅުވީ ރައީސް ސޯލިހާއެކު ބާއްވާ ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނަށް ގާނޫނީ އިމުގެ ތެރެއިން ހޯދައިދެވޭން ހުރި ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެ ނޫން ވެސް މުހިންމު ގިނަ ކަންތައްތަކެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ނާދިރާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ މައްސަލައިގައި ރައީސް ސޯލިހަށް ކޮށްދެއްވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޔާމީން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރީ ކީއްކުރަންތޯ ނާދިރާ ވަނީ ސުވާލު އުފައްދަވާފައެވެ.
"ކުށްވެރިއެއްގެ ވާހަކަ ދައްކަން ދާން މިއަދު އަނގަ ހުޅުވިއްޖެ. ބަރި ހަދާފަ ދިޔަޔަސް އަފުއާމް ގަ ލައްވާލާނީވެސް ތިންބައިކުޅަ އެއްބައި ހުކުމް ތަންފީޒުވެ، ޖަލުގައި އަމަލުތައް ހުންނަ ގޮތަށް ބަލާފަ." ކަމަށް ނާދިރާ އިތުރަށް ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.