ޚަބަރު

މާލޭގައި އިތުރަށް ޕާކު ކުރާނެ ޖާގައެއް ނެތް: ޝިފާ

އާނިފާ ހުސެއިން ސިރާޖް

މާލޭގެ ގޯޅިތައް ފުރިއްޖެ ކަމަށާއި މާލޭގައި އިތުރަށް ވެހިކަލް ޕާކުކުރާނެ ޖާގަ ނެތްކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ މުއައްސަސާތައް ގުޅިގެން މާލެ ސިޓީއަށް އެތެރެވާ ވެހިކަލްތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

"ގޯޅިތައް ފުރިއްޖެ. (މިކަމުގައި) ކައުންސިލްގެ ނިންމުން ވަރަށް ސާފު. އިތުރަށް ޕާކުކުރާނެ ޖާގައެއް ނެތް." ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ ޓެގުކުރައްވައި ޝިފާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މާލެ އެތެރެކުރާ ވެހިކަލްތަކަށް ހައްލެއް ހޯދަންޖެހޭކަމަށް މޭޔަރު ޝިފާ ވިދާޅުވެފައި ވާއިރު، މާލެއަށް ތޮއްޖެހިފައިވާ ވެހިކަލްގެ މައްސަލަ ހައްލު ކުރުމަށްޓަކައި، އިތުރަށް ވެހިކަލް އެތެރެ ކުރުން ހުއްޓުވައި އެކަން ކޮންޓްރޯލް ކުރެވޭނީ، ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރެވިގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުވެ ވަޑައިގަތުމުން، މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން ވެހިކަލް އެތެރެ ކުރުން ކޮންޓްރޯލް ކުރުމާބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމައްސަލަ ހައްލު ކުރުމަށް އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިނީބަސް ތައާރަފްކޮށް ޕަބްލިކް ޓްރާންސްޕޯޓް އިތުރު ކުރުން ހިމެނޭކަމަށެވެ.