ޚަބަރު

އިދިކޮޅުން ރައީސްއާއެކު ބޭއްވި ބައްދަލުވުން ސިއްރު، ތަފްސީލެއް ނުދިން

އާނިފާ ހުސެއިން ސިރާޖް

1

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގެ ތަފްސީލު ހިއްސާކޮށްފައެއް ނުވެއެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއާ "ވަން" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ދެ ފަރާތުގެ އެއްބަސްވުމާއެކު އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމުން، މީޑިއާއަށް ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ.

އެ ބައްދަލުވުމުގައި ޝިޔާމްގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި ޕީއެންސީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި މުހައްމަދު މުއިއްޒާއި މުހައްމަދު ހުސައިން ޝަރީފް (މުންދު) އަދި މުހައްމަދު ނިމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގެ ކުރިން ޕީޕީއެމްގެ އިސް ބޭފުޅަކު "ވަން"އަށް ވިދާޅުވީ ރައީސް ސޯލިހާއެކު ބާއްވާ ބައްދަލުކުރެއްވުމުގައި، ރައީސް ޔާމީނަށް ގާނޫނީ އިމުގެ ތެރެއިން ހޯދައިދެވޭން ހުރި ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެ ނޫން ވެސް މުހިންމު ގިނަ ކަންތައްތަކެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ދެން އެއްވެސް ޝައްކެއް ނެތް އެންމެ ބޮޑު އަދި ސީރިއަސް ސަބްޖެކްޓަކަށް ވާނީ ރައީސް ޔާމީންގެ މައްސަލަ. އެކަމަކު އެއީ ޝަރީއަތުގެ މަރުހަލާގައި ކޯޓުގައި ވެސް އޮތް މައްސަލައެއް. ގާނޫނީ އިމުން ބޭރުން ކަމެއް ކުރާކަށް ނުވަތަ ކޮށްދިނުމަކަށް ވެސް އަޅުގަނޑުމެން ނޭދޭނަން. އެކަމަކު ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮސް ލުޔެއް ލިބޭތޯ ބަލާނަން." ބައްދަލުވުމުގެ ކުރިން އޮފިޝަލު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ރައީސް ސޯލިހާ ބައްދަލުކުރި އިރު، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް އެ ކޯލިޝަނުން ދަނީ ކުރަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލައި ކުރިއަށްގެންދާނެ ކަމަށާއި އެމަނިކުފާނު ވަރަށް އަވަހަށް މިނިވަން ކުރާނެ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ދަނީ މަޖިލީހުގެ ޖަލްސާ ތަކުގައި ވެސް ކޮންމެ ދުވަހަކު ވަކި ވަގުތުކޮޅެއް ވާންދެން މި މައްސަލައިގައި އިހުތިޖާޖު ކުރަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟