ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބޫގެ ކެބިނެޓު ހުވާކުރުން މިރޭ، އެންމެ ގިނަ އަންހެން ވަޒީރުން ހިމެނޭ ކެބިނެޓު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އިރު، އެމަނިކުފާނުގެ ކެބިނެޓު މިރޭ ހުވާކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާ އިރު ރައީސް އިބޫގެ ކެބިނެޓު ވެގެން ދާނީ ރާއްޖޭގެ ތާރީޚުގައި އެންމެ އަންހެން ވަޒީރުން ގިނަ ކެބިނެޓަށެވެ. އެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި އެޓާނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ގޮތުން ހަތެއް ނުވަތަ އަށް އަންހެން ވަޒީރުން ތިއްބަވާނެ އެވެ.

ރައީސް އިބޫގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރެވިފައިވާ އަންހެން ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫނުގެ އެމްއާރްއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ތިން ބޭފުޅުން ހިމެނެ އެވެ. އެއީ ފިޝަރީޒް މިނިސްޓަރު ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒަހާ ވަހީދާއި ހައުސިން މިނިސްޓަރު ކަމަށް ރައީސް ޔާމީންގެ ވެރިިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އާތިފާ ޝުކޫރާއި ހެރިޓޭޖް މިނިސްޓަރު ކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެޑިޔުކޭޝަންގެ ނައިބުކަން ކުރެއްވި ޔުމްނާ މައުމޫނެވެ. އެނގިފައިވާ ގޮތުން ކޯލިޝަނުގެ ސްލޮޓުތައް ބަހައިފައިވާ ނިސްބަތުން އެމްއާރްއެމް އަށް ލިބެނީ ތިނެއް ނުވަތަ ހަތަރު ސޮލޮޓެވެ.

އެމްޑީޕީން އަންހެން ވަޒީރެއްގެ ގޮތުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ މާރިޔާ އަހުމަދު ދީދީ އެވެ. އެކަމަނާ ވަޑައިގަންނަވާނެ ކަމަށް އަޑުތައް ފެތުރިފައި ވަނީ އެޓާނީ ޖެނެރަލް ނުވަތަ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށެވެ. މާރިޔާ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެޓާނީ ޖެނެރަލް ކަމަށް ނަން އިވޭ ދެވަނަ ބޭފުޅަކީ ދިޔާނާ ސައީދެވެ.

އަދާލަތު ޕާޓީގެ ޝިދާތާ ޝަރީފު ވެސް ކެބިނެޓަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ޔަގީންވެފަ އެވެ. އޭނާ ވަޑައިގަންނަވާނީ ޖެންޑަރ މިނިސްޓަރު ކަމަށެވެ. އަދާލަތުގެ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް ޝެއިޚް އަލީ ޒާހިރު އިސްލާމިކް މިނިސްޓަރު ކަމަށް ވަޑައިގަންނަވާ އިރު، ހޯމް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް މިހާރު މައުލޫމާތު ލިބޭ ބޭފުޅުންގެ ތެރޭގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ހިމެނިވަޑައިގަންނަވަ އެވެ.

އިބޫގެ ޚާރިޖީ ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އަބްދުﷲ ޝާހިދު އެވެ. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނީ ދާދި ފަހުން އެމްޑީޕީއަށް ސޮއިކުރެއްވި އަހުމަދު މަޚުލޫފު އެވެ. ޓޫރިޒަމް މިނިސްޓަރުކަން ޖޭޕީ އަށް ދީފައިވާ އިރު އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެނީ ކުރީން ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ މައުސޫމް އެވެ.

އިކޮނޮމިކް މިނިސްޓްރީ އެމްޑީޕީއަށް އޮތް އިރު، އެ މަގާމު ދެއްވާނެ ކަމަށް އެނގިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް އަށެވެ. ހަޔަރ އެޑިޔުކޭޝަނަށް ޑރ. އިބްރާހީމް ހަސަން ވަޑައިގަންނަވާނެ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އިބްރާހީމް ހަސަން ވަޑައިގަންނަވަނީ އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ.

ރައީސް އިބޫގެ ކެބިނެޓުގެ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް އެވެ. އިބޫގެ ކެބިނެޓުގެ ފިނޭންސް މިނިސްޓަރުކަން ދެއްވާނީ ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމަށް ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފަ އެވެ. ހާޝިމްގެ އިތުރުން އެ މަގާމަށް ޑރ. ޝާހު މާހިރު އައްޔަން ކުރައްވާނެ ކަމުގެ މައުލޫމާތު ވެސް މިއަދު މެންދުރުފަހު ލިބިފައިވެ އެވެ. އެހެން ކަމުން ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނީ ހާޝިމް ނުވަތަ މާހިރު އެވެ.

އަލަށް އުފައްދާ ސައިންސް އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ފަހުގެ މައުލޫމާތުތައް ބުނަނީ ޖޭޕީގެ ފަރާތުން މުހައްމަދު ފަޔާޒް (އެފްއޭ) އެވެ. އަދި ޓްރާންސްޕޯޓު މިނިސްޓަރު ކަމަށް ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވަޑައިގެންފާނެ ކަމަށް ވެސް މިހާރު ބެލެވެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ކަމަށް ވަޑައިގަންނަވާނީ ޑރ. މުސްތަފާ ލުތުފީ ނުވަތަ އިބްރާހީމް އިސްމާއީލް (އިބްރާ) އެވެ. ކުރީން ފިޝަރީޒް މިނިސްޓަރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވުނު ޖޭޕީގެ ޑރ. ހުސެއިން ރަޝީދު މިހާރު ވަޑައިގަންނަވާނީ އެންވަޔަރަންމެންޓް މިނިސްޓަރު ކަމުގެ މަގާމަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.