ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ގައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް އުފެދުނުތާ 35 ވަނަ އަހަރު މިއަދު ފާހަގަކުރަމުން އަންނައިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކް ގެ މެންބަރު ގައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ގައުމުތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ރާއްޖެއިން ސާކްގެ މިނިސްޓާސް އޮފް އެޑިއުކޭޝަން/ ހަޔާ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި، އާޓިސްޓް ކޭންޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވަނިން ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
އޭގެ އިތުރުން ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ހަރަދު ކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށް ކުރިއަށް ގެންދަން ޖެހޭކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ގައުމުތަކުގެ މެދުގައި އިގުތިސާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިގުތިސާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
މިއަދުގެ މި މުހިންމު މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ އެ މުހިންމު ވިސްނުންފުޅު ފާހަގަކުރައްވައި ވަކިން ހާއްސަގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމް، ސަރަހައްދީ ތަރައްގީއަށް ކުރެއްވެވި މަސައްކަތްފުޅު ފާހަގަކުރެއްވާފައި ވެއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.