އާޖެންޓީނިއަން ރިޕަބްލިކާއި، ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާޖެންޓީނާގެ އާ ސަފީރު، ޑެނިއަލް ޗުބޫރޫއާއި، ސައިޕްރަސްގެ އާ ސަފީރު، އެގިސް ލޮއިޒޫ އަދި ނެދަލޭންޑްސްގެ އާ ސަފީރު، ޓާންޔާ ހޮންހުރައިޕާއި ވަކިވަކިން ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނެދަލޭންޑްސްގެ އާ ސަފީރާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 40 އަހަރު ވެފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ނެދަލޭންޑްސްގެ ފަތުރުވެރިންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެގައުމު ގުޅިގެން ކުރިޔަށް ދިއުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އާޖެންޓީނާގެ އާ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން، ނޫ އިގުތިސާދުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާޖެންޓީނާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ މެދު ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާއި ގްރީން އެނާޖީގެ ޕްރޮޑަކްޓްތައް ތައާރަފު ކުރުމުގެ އިތުރުން އާޖެންޓައިން ފަންޑް ފޮރ ސައުތު-ސައުތު އެންޑް ޓްރޭންގިއުލަރ ކޯޕަރޭޝަންގެ ތެރެއިން ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮމޯޓް ކުރުމާ މެދު ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.
ރައީސް އޮފީހުން ބުނީ ސައިޕްރަސްގެ އާ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ވިޔަފާރިއާއި ޓޫރިޒަމްގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދާއިރާއިން ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސައިޕްރަސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއަށް އެހީތެރިވެދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވެއެވެ.