ސިޓީކައުންސިލް ތަކާއި އަތޮޅު ތައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.
ރައީސް ސޯލިހު މި ބިލް ތަސްދީގު ކުރައްވާފައިވަނީ މިއަދުއެވެ.
މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ފާސްކުރި މި ބިލު ތަސްދީގު ކުރެއްވުމާއެކު ސިޓީކައުންސިލްގެ މޭޔަރާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރައީސުން އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގުރާތީ އުސޫލުތަކުގެ މަތިން ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރެވޭ ގޮތަށް ބަދަލުވެގެން ދާނެއެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށުކައުންސިލްގެ ދައުރަކީ ތިން އަހަރެވެ. އަދި މޭޔަރުންނާއި ކައުންސިލް ރައީސުން އަދި އެމީހުންގެ ނައިބުން ހޮވަނީ އެ ކައުންސިލެއްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
މިއަދު މި ބިލު ރައީސް ތަސްދީގު ކުރެއްވި އިރު، މި ގާނޫނު މިހާރު ވަނީ ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިރުކޮށްފައެވެ. އަން އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަމަލު ކުރާނީ މި ގާނޫނުގެ ދަށުންނެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ބާރުވެރި ކުރުވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން ކައުންސިލްތައް މާލީ ގޮތުން ފުދުންތެރި ކުރުވުމަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށާއި ކައުންސިލު ތަކުގެ އިހުތިސާސްތައް ކަނޑައަޅައި އެ އިހުތިސާސް ތެރޭ ހިމެނޭ މުދަލުންނާއި ހިދުމަތުން ނެގޭ އާމްދަނީން ވެސް ކައުންސިލުތަކަށް މަންފާ ވާނެ ގޮތަށް މިހާރު ވަނީ ގާނޫނަށް ބަދަލު ގެނެސްފަ އެވެ.