އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކެބިނެޓުގައި މަސައްކަތްކުރައްވާނެ ބޭފުޅުން މަގާމަށް އައްޔަން ކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ އިންތިހާބީ ރައީސް ސޯލިހު އާއި ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ކެބިނެޓް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި 19 މިނިސްޓްރީއެއް އެކުލަވާލާފައިވާއިރު މިރޭގެ ރަސްމިއްޔާތުގައި 19 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލް ހުވާކުރައްވާނެއެވެ.
އާ ސަރުކާރުގައި މުޅިން އާ ހަތަރު މިނިސްޓްރީއެއް އެކުލަވާލާނެއެވެ. އެއީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަނާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް ސައިންސް އެންޑް ޓެކްނޯލޮޖީ އަދި މިނިސްޓްރީ އޮފް ހަޔަ އެޑިޔުކޭޝަން އެވެ.
އާ ހަތަރު މިނިސްޓްރީއެއް އެކުލަވާލި ނަމަވެސް އެހެން މިނިސްޓްރީ ތަކަށް ވެސް އިތުރު ޒިންމާތައް ހަވާލުކުރެވި މަސައްކަތްތަކުގެ ދާއިރާ ފުޅާ ވެގެން ދާނެ ކަމަށް ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން މާރިޔާ ދީދީ ވަނީ ކުރީން ވިދާޅުވެފައެވެ.