ސީރިއާ އަކީ އަޅުގަނޑުމެންގެ މުސްލިމު އެތައް އުޚުތުންނަކާއި އަޚުންނެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެ ގައުމުގައި ދިއިއުޅޭ މުސްލިމުންނަށް މިއަދު ކުރިމަތިވެފައި ވަނީ އިންތިހާއަށް ނިކަމެތި ހާލަތެކެވެ. އެގައުމެ ފަސްގަނޑުގައި، މުސްލިމުން މަރަމުންދަނީ އެއްވެސް ރަހުމެއް ނެތި އެވެ. އާއިލާތައް ވަނީ ބިކަވެފަ އެވެ. މައިންބަފައިން ގަތުލުކުރުމުގެ ސަބަބުން އެތައް ހާސް ކުޑަކުދީންނެއް ވަނީ ޔަތީމުވެފަ އެވެ.
މިއީ އޭގެން އެންމެ ކުއްޖެއްގެ ވާހަކައެވެ. ދެރަވެ ރޮވިފައި އިނދެ މި ކުއްޖާ ކިޔައިދިނީ ދިރިއުޅެމުންދާ ދަތި ހާލާއި، އޭނާގެ މަރުވެފައިވާ ބައްޕަ ގާތު ބުނެލަން ބޭނުންވާ ހަމައެކަނި ވާހަކައެވެ.
މިހާރު ޓެންޓުގައި ދިރިއުޅެމުންދާ އެންމެ ނުވަ އަހަރުގެ އެ ކުއްޖާ ކިޔައިދިން ގޮތުގައި، ގެ ދޫކޮށް ނިކުންނަށް ޖެހުނީ އެ ސަރަހައްދަށް ބޮން އަޅާތީއެވެ.
އެއްދުވަހަކު ފެނުނީ ބައްޕަ މެއަށް ތަދުވާތީ އުޅުނުތަން ކަމަށާއި އެވަގުތު ބައްޕަ ހޮސްޕިޓަލަށް ގެންދިޔަކަމަށް އެކުއްޖާ ބުންޏެވެ. ނަަމަވެސް ދެން އިވުނީ ބައްޕަ ދުނިޔެ ދޫކުރި ހިތާމަވެރި ހަބަރެވެ.
"އަަހަރެން ދުށިން ބައްޕަ މެޔަށް ތަދުވާތީ މޭމަތީގައި އަތް އަޅައިގެން އުޅުން މަންޒަރު. އަޅުގަނޑުމެން ބައްޕަ ހޮސްޕިޓަލަށް ގެންދިޔައިން. އެތަނުން ބައްޕަ ނިޔާވީ" އެކުއްޖާ ކިޔައިދިނެވެ.
އެކުއްޖާ މިހާރު ދިރިއުޅެމުން އަންނަނީ މަންމައާ އެކުގައެވެ. މަންމަ މަސައްކަތް ކޮށް އާމްދަނީ ހޯދަނީ ފަހައިގެންނެވެ. ނަމަވެސް އެ މަސައްކަތުން ދެކޮޅު ޖެހޭ އާމްދަނީއެއް ނުލިބޭ ކަމަށް އެކުއްޖާ ކިޔައިދިނެވެ.
"އަޅުގަނޑު ބޭނުން މަންމައަށް އެހީވާން މަސައްކަތް ކުރަން. އެކަމަކު މަންމަ އަޅުގަނޑު މަސައްކަތް ކުރާކަށް ނުފޮނުވާ. މަންމަ އަޅުގަނޑު ފޮނުވަނީ ކިޔަވަން ސުކޫލަށް."
ސުކޫލަށްގޮސް ހަދާއިރުވެސް މަންމަ ގާތުގައި ލާރިއަށް ނޭދޭ ކަމަށާއި އެއީ މަންމަގެ ފަގީރުކަން އިހުސާސްކޮށް ނުދިނުމަށް ކަމަށް އެކުއްޖާ ބުންޏެވެ.
"އަހަރެންނަށް އެނގޭ މަންމަ އުޅެނީ ވަރަށް ހާލުގައި ކަން. ބައެއް ފަހަރު ރޭގަނޑު ހޭލެވޭއިރު މަންމަގެ ގިސްލުމާއި ރުއިމުގެ އަޑު އަހަރެންނަށް އިވޭ" އެކުއްޖާ ކިޔައިދިނެވެ.
ބައްޕަގެ ހަނދާންތައް އާކުރަމުން އެކުއްޖާ ބުނީ ބައްޕަ އޭނާ ގޮވައިގެން ބޭރަށްގޮސް ހެދިއިރު ވަރަށް އުފާވާ ކަމަށާއި، ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށެވެ.
"ބައްޕަ އަހަރެމެންނަށް އީދު ހަދިޔާ ގެނެސްދީ ހެދި. އަހަރެމެންނަށް ފޮނިކާތަކެތި ގެނެސްދީ ހެދި. ބައްޕަ އަހަރެން ގޮވައިގެން ބޭރަށް ދިޔުމުން އަހަރެން ވަރަށް އުފާވި. ބައްޕަ މަތިން ވަރަށް ހަނދާންވޭ" އެކުއްޖާ ކިޔައިދިނެވެ.
އެކުވެރިންގެ ބައްޕަ ސުކޫލުދޮށަށް އެކުދިން ބަލައި އަންނަ މަންޒަރު ފެނުމުން ރޮވޭ ކަމަށާއި އެހެންވާ ކޮންމެ ފަހަރު ބައްޕަ މަތިން ހަނދާންވުމުން، ބައްޕަގެ މަހާނައަށް ޒިޔާރަތްކޮށް ބައްޕަ އޭނާ ސުކޫލަށް ގެންގޮސްދީ ހެދި ދުވަސްތައް މަތިން ހަނދާންކުރާ ކަމަށް ވެސް އެކުއްޖާ ކިޔައިދިނެވެ.
"ހަމައެކަނި އެދުމަކީ ބައްޕަ ދެކިލައި ބައްޕަ ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރުން" އެކުއްޖާ ބުންޏެވެ.
ސީރިއާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ މިފަދަ އެތައް ރައްޔިތުންނަކަށް އެހީވުމުގެ ފުރުސަތު ތީގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އެބައޮތެވެ.
ވޭތުވެދިޔަ އަށް އަހަރުވެސް ފިނިމޫސުމުގައި ވަރަށް ދަތި ހާލަތެއް ތަހަންމަލު ކޮށްފައިވާ ސީރިއާގެ ރައްޔިތުންނަށް، ދިވެހިންގެ ނަމުގައި ރާއްޖޭގެ ހާއްސަ އުފެއްދުމެއް ކަމުގައިވާ މަސްދަޅުގެ އެހީ ފޮނުވުމަށްޓަކައި "އިންޓަނޭޝޭނަލް އެއިޑް ކެމްޕޭން (އައިއޭސީ) "ގެ ފަރާތުން "މަސްދަޅު ހަދިޔާ" ގެ ނަމުގައި ކެމްޕޭނެއް ވަނީ ފަށާފައެވެ.
މި ކެމްޕޭނުގައި ބައިވެރިވުމަށް އައިއޭސީގެ މި ކެމްޕޭނުގެ ހާއްސަ އެކައުންޓް ކަމުގައިވާ ބީއެމްއެލްގެ އިސްލާމިކް އެކައުންޓް 7770000026263 އަށް މަސްދަޅުގެ އަގު ފޮނުވުމުން ބައިވެރިވެވޭނެ ކަމަށް އައިއޭސީގެ އޮފިޝަލުން ވިދާޅުވެއެވެ.
އެއް ކޭސް މަސްދަޅުގެ އަގަކީ 725 ރުފިޔާއެވެ. ބައިކޭސް ނުވަތަ ކޭހެއްގެ ހަތަރު ބައިކުޅަ އެއްބަޔަށްވާ ފައިސާ ޖަމާކޮށްގެންވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އައިއޭސީ އިން މައުލޫމާތުދެއެވެ.
އައިއޭސީގެ ވައިސް ޗެއާމަން އަދި މީޑިއާ ކޯޑިނޭޓަރު އާދަމް ނާއިފް ވިދާޅުވީ "މި ކޭސްތައް ކެމްޕޭން ނިމުމުން ކޮންޓެއިނާ ތަކެއްގައި ތުރުކީ އަށް ކަނޑު މަގުން ފޮނުވަނީ. އަޅުގަނޑުމެންގެ ތުރުކީ ގެ ޕާޓްނަރު އެންޖީއޯ މެދުވެރިކޮށް މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ" ކަމަށެވެ.
މި ކެމްޕޭން ރަސްމީކޮށް ނިންމާލާނީ މިމަހުގެ 26 ވަނަ ދުވަހު ނަމަވެސް ފުރަތަމަ ކޮންޓެއިނާ މިމަހުގެ 15 ވަނަ ދުވަހު އެގައުމަށް ފޮނުވާނެ ކަމަށް އައިއޭސީން ބުންޏެވެ.