ސީރިއާގައި ވެރިކަން ކުރާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަޔާތު ތަހްރީރް އަލް-ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ދަމަހައްޓައިފިއެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ 24 އަހަރުގެ ވެރިކަން މިމަހުގެ އަށްވަނަ ދުވަހު ހަނގުރާމަވެރި ޖަމާއަތްތަކުން ވައްޓާލުމަށްފަހު އެގައުމުގައި ވެރިކަން ކުރަމުން އަންނަނީ އެޗްޓީއެސްއެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ދިވެހި ސަރުކާރުން ވަނީ އަލުން މިއަދު ގެޒެޓުކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު އާންމުކުރި ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިއަދު އާންމުކުރި ލިސްޓުގައި ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އޮތީ 20 ޖަމާއަތެކެވެ.
އެ ލިސްޓާއެކު ރައީސް އޮފީހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި، 9 އޮކްޓޯބަރު 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލިސްޓަށް އިތުރު އިސްލާހެއް ގެނައުމެއް ނެތި ގެޒެޓުގައި އަލުން ޝާއިއުކުރުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާތީ އެ ލިސްޓު އާންމުކުރާ ކަމަށެވެ.
އެ ލިސްޓުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ކިޔާ އެހެނިގެން ނަންތަކާއި އެ ޖަމާއަތްތަކުގެ ގޮފިތަކާއި އެ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ވެސް ވަނީ ހިމަނައިފައެވެ.
ސީރިއާގައި ވެރިކަން ކުރާ އެޗްޓީއެސް، ލިސްޓުގައި ފުރަތަމަ ހިމެނިފައިވަނީ 31 އޮކްޓޯބަރު 2019 ގައެވެ. އެ ޖަމާއަތުގެ އިތުރުން އެ ލިސްޓުގައި އަލް ގައިދާ އާއި އެ ޖަމާއަތާ ގުޅިފައިވާ އެހެނިހެން ޖަމާއަތްތަކާއި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިއެސްއައިއެސް) އާއި އެ ޖަމާއަތާ ގުޅިފައިވާ އެހެން ހަނގުރާމަވެރި ޖަމާއަތްތަކާއި އަބޫ ސައްޔާފް އަދި ބޯކޯ ހަރާމް ވެސް ހިމެނެއެވެ.
ލިސްޓުގައި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އަދިވެސް ސީރިއާ ހިމެނެއެވެ. އެގޮތުން ސީރިއާގެ ހުރިހާ ސަރަހައްދެއް ވެސް ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ލިސްޓުކޮށްފައިވުމުން، އެ ގައުމަށް ދިވެހިން ދަތުރުކުރުން މަނާވާނެއެވެ.