މަސްވެރިންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރީސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައެވެ. މަސްވެރިންގެ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން ފޯރަމް ރަސްމީކޮށް ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެވެ.
މި ފޯރަމުގައި ރާއްޖޭގެ 15 އަތޮޅަކުން ޖުމުލަ 55 ފަރާތެއް ބައިވެރިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެއީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭ ގޮތުން ކަމަށް މިނިސްޓްރީން ބުނެއެވެ. މި ފޯރަމަކީ މަސްވެރިކަމާއި ގުޅުންހުރި ކަންކަން ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ބަދަލު ކުރުމުގެ އިތުރުން މަސްވެރިކަން ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ ޑިސެމްބަރު މަހެއްގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިހާތަނަށް ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބާއްވާފައިވެއެވެ. މީގެ އިތުރުން ހުކުރު ދުވަހު މަސްވެރިންގެ އެކްސްޕޯ ފަށާފައި ވެއެވެ. މި އެކްސްޕޯ ނިންމާލުމަށް ހަމަޖައްސާފައިވަނީ މިއަދަށެވެ. މާދަމާ މަސްވެރިންގެ މުބާރާތެއް ކުރިއަށް ގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ރާވާފައެވެ. މި ހަރަކާތްތަކުގެ އިތުރުން މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފުލާ އަންގާރަ ދުވަހު ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.