މިންހާ ފާއިޒް ރަޝާދު
ހަ އަހަރުގެ އިންޑިއާގެ މި ކުއްޖާގެ އުނަގަނޑުގައި ނަގުލެއްހެން އެއްޗެއް ފަޅާފައި ވާތީ، އޭނާ އަކީ "މަންކީ ގޯޑް" ކަމަށް ބުނެ މީހުން އަޅުކަން ކުރަން ދާތީ އާއިލާއިން އޭނާ ފޮރުވައިގެން ގެންގުޅެން ޖެހިއްޖެއެވެ.
ދިއްލީ އަށް އުފަން ޝިވަމް ކުމާރުގެ އުނަގަނޑާ ދިމާގައި، ވިހޭ އިރުވެސް ވަނީ ނަގުލެއް ގޮތަށް މަސްކޮޅެއް ނުކުމެ، އިސްތަށި ފަޅާފައެވެ. ޑޮކްޓަރުންނާއި އޭނާގެ މައިންބަފައިންނަށްވެސް މިކަން ވީ އަޖައިބު ކުރުވަނިވި ކަމަށެވެ. ކުޑަ ވަގުތު ކޮޅެއް ތެރޭގައި ވާހަކަތައް ފެތުރި މީހުންތައް މަލާއި ހަދިޔާ ހިފައިގެން ޝިވަމް ބެލުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރިއެވެ. މީހުން ބުނާ ގޮތުގައި އޭނާ އަކީ އިންޑިއާގެ ހިންދޫ މީހުން އަޅުކަން ކުރާ ރާމާމަކުނެއް ކަމަށްވާ "ހަނޫމާން" ގެ ރީއިންކާނޭޝަނެއް ކަމަށެވެ.
ޝިވަމް ގައިގައި ފަޅާފައިވާ ނަގޫ ޝޭވް ކުރުމަށް އާއިލާއިން ބޭނުމެއް ނުވިއެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެ ނަގުލަކީ އާއިލާއަށް ލިބެން ހުރި ހެޔޮ ނަސީބެވެ. އެ ޝޭވް ކުރުމުން އާއިލާއަށް ގޯސްގޮތްތައް ވާނެ ކަމަށް އެމީހުން ދެކެއެވެ.
އެއް އަހަރު ވަންދެން ޝިވަމް މެންގެ ގެއިން މީހުން ހުސްނުވެ އަބަދުވެސް އެކުއްޖާއަށް އަޅުކަން ކުރަން ދާން ފެށިއެވެ. އެންމެ ފަހުން އެ އާއިލާގެ "ގުރޫ" އެމީހުން ކައިރީ އެކުއްޖާގެ މުސްތަގުބަލު ހަކާލުވެދާނެ ކަމަށް ބުނެ މީހުނަށް ފޮރުވައިގެން ގެންގުޅެން އެދުމުން އާއިލާއިން ވަނީ އެގޮތަށް އަމަލުކުރަން ފަށާފަ އެވެ.
ޝިވަމް މިހާރު އާދައިގެ ދިރިއުޅުމެއް އުޅުނު ކަމުގައިވިޔަސް އަދިވެސް ގޭދޮށު އަވައްޓެރިންގެ ފަރާތުން ޗޮކްލެޓާއި މަލާއި ހަދިޔާ އޭނާއަށް ލިބެމުން ދެއެވެ. އެމީހުން އެންމެންވެސް އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށްވެއެވެ.
ޝިވަމްގެ މަންމަ ރީނާ ބުނީ އަބަދުހެން މީހުން ގެއަށް އަންނާތީ ވަރަށް އުނދަގޫވަމުން ދިޔަކަމަށެވެ. އެމީހުނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެން ދަތިވެގެން ދިޔައެވެ.
"ނަމަވެސް ގުރޫ ބުނީ މީހުން ކައިރީ ބުނާށޭ އެގޮތަށް އަބަދު ނާންނާށޭ. އަހަރުމެން ދިރިއުޅުން ކުރިއަށް ގެންދިޔަ ދޭށޭ. ގުރޫ ބުނިގޮތަށް އަމަލު ކުރަން ފެށުމުން މީހުން އަންނަލެއް މަދުވި" ރީނާ ބުންޏެވެ.
"ބައެއް ފަހަރު މިހާރު ވެސް މީހުން އައިސް ޝިވަމް ކޮބަތޯ އަހާނެ. އަހަރުމެން ބުނަން ނެތޭ" ރީނާ އިތުރަށް ބުންޏެވެ.
ޑޮކްޓަރުން ޝިވަމްއަށް އިތުރު ފަރުވާއެއް ކުރުމަށް ބުނެފައިވޭތޯ އެހުމުން ރީނާ ބުނީ އޭނާގެ ދަރިފުޅަކީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާގެ ގައިގައި އެއްވެސް ކަހަލަ ބައްޔެއް ނެތް ކަމަށެވެ.
"ނަގުލަކީ ވިހޭއިރުވެސް ހުރި އެއްޗެއް. އޭނާ އަކީ ހާއްސަ ކުއްޖެއް އެކަން އިނގޭ. އުފެދިފައި ހުރި ގޮތަށް އުނިކަމެއް ނުގެނެވޭނެ. އާއިލާއަށާއި ގެއަށް ގޯސްކަންތައް ވެދާނެ" ރީނާ ބުންޏެވެ. "މިއީ އޭނާ ހެއްދެވި ގޮތް. އެކަމަށް އެއްވެސް އުނިއިތުރެއް ގެންނަން ބޭނުމެއް ނޫން." ރީނާ އިތުރަށް ބުންޏެވެ.
ޝިވަމްގެ މާމަ ބުނި ގޮތުގައި ޝިވަމް އުޅޭ އުޅުމުގައިވެސް އުޅެނީ ރާމާމަކުނެއް އުޅޭ ގޮތަށެވެ. "އެގޮތަށް ހީ ސަކަރާތް ޖަހައި އަބަދު ފުންމަފުންމަ ހުންނަނީ" ޝިވަމްގެ މާމަ ބުންޏެވެ.
"ފައިމައްޗަށް ނަގައިގެން ބޯމައްޗަށް ކޮޅަށް ހުރެދާނެ ކިތަންމެ އިރެއް ވަންދެންވެސް،" ޝިވަމްގެ މާމަ އިތުރަށް ބުންޏެވެ.