ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުލީއާގެއަކީ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އާސާރީ ބިނާއެއް، މިއީ ހިމާޔަތްކުރަން ޖެހޭ ތަނެއް: ރައީސް

މުލީއާގެއަކީ ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އާސާރީ ބިނާއެއް ކަމަށާއި މުލީއާއަކީ ހިމާޔަތްކުރަން ޖެހޭ ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މުލީއާގެއަށް 100 އަހަރު ފުރުމާ ގުޅިގެން މުލީއާގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުލީއާގެ ހާއްސަވާ އެންމެ މުހިންމު ސަބަބަކީ، އެ ގޯއްޗަކީ ދިވެހި ގައުމުގެ ހައްގުގައި ހޮޅިން ބަލިކޮށްލުމަށް ކަމަރު ބަނދެވަޑައިގެން، ދޮން ބަނޑާރައިން ހަނގުރާމައަށް ނުކުންނެވި ގޯތި ކަމުގައިވާތީ ކަމަށެވެ.

"އަޅުގަނޑު މި ދެންނެވި ފަދައިން، މިއީ ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އާސާރީ ބިނާއެއް. މިއީ ރައްކާތެރި ކުރަންޖެހޭ ތަނެއް. ހިމާޔަތް ކުރަންޖެހޭ ތަނެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުލީއާގޭގައި ހިންގަމުންދިޔަ އޮފީސްތަކަށް ބަލާއިރުވެސް ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް، ދިވެހިންނަށް އެތައް ހިދުމަތްތަކެއް އެ އިމާރާތުގެ ދަށުން ކޮށްދެވިފައިވާ ކަމަށާއި އެގޭގައި ދައުލަތަށް ހިދުމަތްކުރައްވާފައިވާ ގިނަ ބޭފުޅުން ދިރިއުޅުއްވި ކަމަށެވެ.

"މި ގޭގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި، ހަސަން އިއްޒުއްދީން، ޝަމްސުއްދީން ރަދުން، ޕްރިންސް ހަސަން އިއްޒުއްދީން ހިމެނިވަޑައިގަންނަވާ. އަދި މުހައްމަދު އަމީން، ރަސްމީ ގެކޮޅުގެ ގޮތުގައި މިގެ، ފުރަތަމަ ޖުމްހޫރިއްޔަތަށް ފަހުގައި ބަދަލުކުރެއްވި. އެއަށްފަހު، އިބްރާހީމް ނާސިރުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރަށް އަނެއްކާވެސް ބަދަލުވެގެންދިޔައީ. ރައީސް މައުމޫން އަބްދުލްޤައްޔޫމް މި ގޭގައި އުޅުއްވި. ރައީސް ނަޝީދު މި ގޭގައި އުޅުއްވި. އެންމެފަހުން މިވަގުތު މި ގޭގައި އުޅެމުން މިދަނީ އަޅުގަނޑު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުލީއާގެއަކީ ތާރީހެއް އޮތް މުހިންމު ތަނެއް ކަމަށާއި މެދުޒިޔާރަތަކީ އެއަށްވުރެ ދުވަސްވީ ތަނެއް ކަމަށެވެ. އަދި މުލީއާގެ ސަރަހައްދަކީ ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭނެ ސަރަހައްދެއް ކަމުގައި ދެކޭ ކަމަށާއި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން އެކަންތައް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ގެއަކީ އޭރު ޝަމްސުއްދީނުގެ ދަރިކަލުން ޕްރިންސް ހަސަން އިއްޒުއްދީން އެޅުއްވި ގެއެއް. އެ މަނިކުފާނަކީ ޕަރފޯމިންގ އާޓްސްގެ ވަރަށް ކުޅަދާނަ ބޭފުޅެއް. ހަރުމޯނިއާ ޖެއްސެވުމާއި، ރީއްޗަށް ލަވަ ވިދާޅުވުން އެއީ، އެ މަނިއްޕުޅުގެ އެންމެ ބޮޑު އެއް ހުނަރު. އެހެންކަމުން، މިގެ ވެގެންދިޔައީ އޭރު މިއުޒިކީ ގުލްޝަނަކަށް. އަދި އަޅުގަނޑު މި ވާހަކަ ދައްކާއިރުގައި، އެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން މިތާވެސް އެބަ ތިއްބެވި. މާރިޔާދީދީ، ހުސައިން އާދަމްފަދަ ބޭފުޅުންނަކީ، އެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން." އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ކުރިން މުލީއާގޭގައި ދިރިއުޅުއްވި ރައީސް މައުމޫނާއި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި ރިޔާސީ ގަނޑުވަރަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި 29 ބޭފުޅެއްގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ހަވާލުކުރިއެވެ.