ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ފަތުރުވެރިކަން ނެތް ސަރަހައްދުތައް ހިމެނޭގޮތަށް ރިސޯޓު ހިންގަން ދޫކުރާ ރަށްތައް ބުރާސްފަތި ދުވަހު އިއުލާންކުރަނީ

ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދުތައް ހިމެނޭގޮތަށް ރިސޯޓު ހިންގަން އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިންސްޕެކްޝަން ޓްރެއިނިން ޕްރޮގްރާމް ނިންމާލުމަށް މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލަށް ރިސޯޓުތައް ތަރައްގީކުރާ ރަށްތައް އިއުލާންކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ކަމަށެވެ.

"އަބަދުވެސް މިކިޔަނީ ރާއްޖޭގެ އުތުރަކު ރިސޯޓެއް ނެތޭ. ދެކުނަކު ރިސޯޓެއް ނެތޭ. ތިމަންނަމެން އަތޮޅަކު ރިސޯޓެއް ނެތޭ. އިރާދަކުރެއްވިއްޔާ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން ބޮޑުތިލަދުންމަތިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ހުވަދޫ ސިޓީ، ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަހައްދުތައް ހިމެނޭގޮތަށް އަލަށް ދޫކުރަން ގަސްދުކުރާ ރަށްތައް އަޅުގަނޑުމެން އިއުލާންކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެ ރަށްތައް ހޯދާފައިވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ވައުދުފުޅާއި މެނިފެސްޓޯއާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ހިޔާލާއި ކައުންސިލްތަކުގެ ހިޔާލާއި، އަދި ކަމާބެހޭ ހުރިހާ މިނިސްޓްރީއެއްގެ ހިޔާލާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްފަހު ކަމަށެވެ.

"އަދި އެވަރުން ނުވެގެން މިނިވަން އޮޑިޓަރެއް ބޭނުންކޮށްގެން އެންވަޔަރަމަންޓް އެސެސްމަންޓާއި ސޯޝިއޯ އެސެސްމަންޓާ އެއްކޮށް ރައްޔިތުން ބޭނުންވެގެން ރައްޔިތުން ބޭނުންވާ ރިސޯޓު ރައްޔިތުންގެ ގާތަށް މި ސަރުކާރުން ގެނެސްދޭނީ. މި ސަރުކާރުން ނޭނގި ފައިލް ބޮނޑިއެއް ހިފައިގެން ރާއްޖޭގެ ރަށެއް، ރާއްޖޭގެ ރައުސުލްމާލެއް އެހެން މީހަކަށް ދުލެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ޓްރާންސްޕޭރަންޓްކޮށް، އެކަމުގެ ހެކި އަދި އެކަން ކުރި ގޮތް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ޖަލްސާއިން ފެނިގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަކީ އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވާ މިނިސްޓްރީ ކަމަށާއި ނަމަވެސް ސަރުކާރުގެ ފުރަތަމަ އަހަރު ނިމުނު އިރު، އެންމެ ބޮޑު ކާމިޔާބަކީ ކޮރަޕްޝަނުގެ ތުހުމަތުގެ އެންމެ އިނގިއްޔެއް ވެސް ޓޫރިޒަމް މިނިސްޓްރީއާ ދިމާއަށް ދިއްކުރެވިފައި ނެތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.