ފިކަޕް ޑްރައިވަރަކަށް މީހަކު އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު ފަހު 3:57 ހާއިރު ބުރުޒު މަގާއި ކަލާފާނު ހިނގުން ގުޅޭ ކަންމަތިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެވަގުތު ސައިކަލު ފަހަތުގައި އިން ފިރިހެނަކު ޕިކަޕް ޑްރައިވަރަށް މަރުގެ އިންޒާރުދީ، ޕިކަޕުގައި ފައިން ޖަހާފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އިންޒާރު ދިން ކަމުގެ ތުހުމަތުގައި ސައިކަލު ފަހަތުގައި އިން 23 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވި 24 އަހަރުގެ ދިވެހި ފިރިހެން މީހާ އާއި ޕިކަޕް ދުއްވި 57 އަހަރުގެ ދިވެހި ފިރިހެން މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޕިކަޕް ޑްރައިވަރަކަށް މީހަކު އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅި ޖަހައި، ޓެކްސީ ޑްރައިވަރަކު ވަނީ މަރާލައިފައެވެ. އދ. މާމިގިއްޔަށް އުފަން، ހަސަން ގާސިމު، 59، މަރާލި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.