ޝަހީދާ އަބްދުﷲ ސައީދު
މިއަދަކީ ބޮޑާކަމާއި، ކިބުވެރިކަމަށް ޖާގަނެތްކަން ހާމަވެގެން ދިޔަ ދުވަހެއް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު މިއަދު ހުވާކުރެއްވުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅު ޝައިޚު އަލީ ޒައިދު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ މިއަދަކީ ވަރަށް އިބުރަތްތެރި ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ބޮޑާކަމާއި ކިބުރުވެރިކަމަށް ކާމިޔާބީއެއް ނެތްކަން ޔަގީންކޮށްދޭ އަލިގަދަ ދުވަހެއް ކަމަށް ވިދާޅުވިއެވެ.
"މިއަދަކީ ވަރަށް އިބުރަތްތެރި ދުވަހެއް. މިއަދު، އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ވަރަށް ގިނަގުނަ ފިލާވަޅު ތަކެއް. ބޮޑާކަމާއި ކިބުރުވެރިކަމަށް ކާމިޔާބީއެއް ނެތްކަން ޔަޤީން ކޮށްދޭ އަލިގަދަ ދުވަހެއް.'' ޝައިހް ޒައިދު ވިދާޅުވިއެވެ.
ޝައިޚު ޒައިދު މިފަދައިން ވިދާޅުވި އިރު، މިއަދަކީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަހެވެ. އަދި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ހުވާކުރައްވާ ދުވަހެވެ. އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު، އެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށްޓަކާ ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޒައިދު ވިދާޅުވެފައިވަނީ އެފަދަ އިބާރާތަކުން ވިދާޅުވެފައިވަނީ ވަކި ފަރުދަކަށް ނިސްބަތްކޮށްފައި ނޫން ކަމަށެވެ.