ގޯގްރީން

ގޯ ގްރީން ހަރަކާތަކީ ވަރަށް މުހިންމު މަސައްކަތެއް، ތިމާވައްޓަށް އަޅާނުލާ ތިބެވޭކަށް ނޯންނާނެ: ރައީސް

ކްލީން މޯލްޑިވްސްގެ ފަރާތުން މިއަދު ފެށި "ގޯ ގްރީން" ހަރަކާތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި ކުރިއަށްއޮތް ޖީލުތަކަށް ރާއްޖެ ގެންގޮސްދިނުމަށް ތިމާވެއްޓަށް އަޅާނުލާ ތިބޭވޭކަށް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ގޯ ގްރީން" ހަރަކާތް އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މިކުރާ މަސައްކަތުގައި ކްލީން މޯލްޑިވްސްގެ ފަރާތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ކްލީން މޯލްޑިވްސްއަކީ މިއަހަރު ރަޖިސްޓަރީކުރެވިގެން އެ މަސައްކަތްކުރަން ފެށި ޖަމިއްޔާއެއް. އެހެންނަމަވެސް ވަރަށް ހަރަކާތްތެރި ޖަމިއްޔާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މިކުރާ މަސައްކަތުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އެ ޖަމިއްޔާގެ ފަރާތުން، ކްލީން މޯލްޑިވްސްގެ ފަރާތުން ކުރަމުން އެބަގެންދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކްލީން މޯލްޑިވްސްގެ ފަރާތުން މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އަޅާނުލާ ތިބެއްޖެ ނަމަ، ކުރިއަށްއޮތް ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންމިދާ ނުރަނގަޅު އަސަރު. އަޅުގަނޑުމެން އަޅާނުލާ ތިބެއްޖެ ނަމަ، ކުރިއަށްއޮތް ޖީލުތަކަށް ރާއްޖެ ފޯރުކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތިވެގެންދާނެ. ވީމާ މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ވަގުތެއްގައި، މިފަދަ ކަމެއް ފެށިގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ގޯ ގްރީން ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި މިއަދު ވަނީ 1000 ގަސް އިންދައިފައެވެ. އެ ހަރަކާތުގައި ރައީސް ސޯލިހު ވަނީ ކްލީން މޯލްޑިވްސް އިން އަލަށް ތައާރަފުކުރި ތިމާވެއްޓާ ރައްޓެހި "އިކޯ ފްރެންޑްލީ ބޭގް" ލޯންޗުކޮށްދެއްވައިފައެވެ. "ގޯ ގްރީން" ހަރަކާތް ފެށިގެންދިޔައީ އެ ސަރަހައްދުގައި ރައީސް ސޯލިހު އިންދެވި ގަހަށް ފަހުގައެވެ.

އެ ހަރަކާތުގައި ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ 500 މަގޫ އަދި 500 ރުއް، އެ ޖަމިއްތާގެ މެމްބަރުންނާއި ހަރަކާތުގައި ބައިވެރިވި ވަރަށް ގިނަ އެހެނިހެން ޖަމިއްޔާ ޖާމައަތްތަކުގެ މެމްބަރުންނާއި، އެޗްޑީސީ އަދި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އަދި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއެކު އިންދައިފައެވެ.

އެ ހަރަކާތުގެ ތެރެއިން އިތުރު 500 ރުއް، 500 މަގޫ ވެސް ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ އެޗްޑީސީގެ ނާސަރީއަށް ހަދިޔާކޮށްފައެވެ. އަދި "ބެނެފިޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން 11 ހިތިގަހާއި، ހަ އޯކިޑް ގަސް ވެސް ވަނީ އެޗްޑީސީގެ ނާސަރީއަށް ހަދިޔާކޮށްފައެވެ.

ކްލީން މޯލްޑިވްސް އިން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ކުރިއަށްއޮތް ތަނުގައި އެންމެ އަވަހަށް މީހުން އާބާދުވާން ތައްޔާރުވަމުން އަންނަ އެއް ސަރަހައްދަށް ވުމާއެކު އެތަން ފެހިކުރުމުގެ ހެޔޮ ނިޔަތުގައި ހިންގި ހަރަކާތެއް ކަމަށެވެ.

ކްލީން މޯލްޑިވްސް އިން އެ ހަރަކާތް ކުރިއަށްގެންދިޔައީ ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލައިގެންނެވެ. އެ ހަރަކާތަކީ އެންވަޔަރަމަންޓް މިނިސްޓްރީން އެންޑޯސްކޮށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުމާއެކު ބޭއްވިގެންދިޔަ ހަރަކާތެކެވެ. އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކުން ވެސް ޕްލާސްޓިކް ފުޅީގެ ބަދަލުގައި އެ ފަރާތްތަކުގެ އަމިއްލަ ފެންފުޅި ކްލީން މޯލްޑިވްސްގެ އެދުމުގެ މަތިން ބޭނުންކުރަމުންދިޔަކަން ފާހަކުރެވިގެންދިޔައެވެ.

ކްލީން މޯލްޑިވްސް އިން ކުރިއަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި މިކަހަލަ އިތުރު ގަސް އިންދުމާ ހަމައަށް ގަސް ހަދިޔާކުރުމުގެ ހަރަކާތްތަކާއި، ގޭގެއިން ބޭރުކުރެވޭ ޕްލާސްޓިކް މަދުކުރުމަށް ރޭވިފައިވާ ހަރަކާތްތަކެއް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ކަނޑަށް އެޅޭ ކުނި މަދުކުރުމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ރޭވިފައިވާ ޕްރޮގްރާމުތަކެއް ވެސް ހިމެނޭކަން އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ.

ކްލީން މޯލްޑިވްސްއަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ، އަދި އެ މަސައްކަތްތައް ކޮށް މިހާރަށްވުރެ ރަނގަޅު ތިމާވެއްޓެއް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފެދިގެން އައި ޖަމިއްޔާއެކެވެ.

ކްލީން މޯލްޑިވްސްގެ ގޯ ގްރީން ހަރަކާތުގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.