ގޯގްރީން

"ގޯ ގްރީން" ހަރަކާތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1000 ގަސް އިންދައި، ބީޗު ފެހިކޮށްލައިފި

ތިމާވެއްޓަށް ލޯބިކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން "ގޯ ގްރީން"ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި 1000 ގަސް އިންދައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭ ފޭސް ދޭއްގައި "ގޯ ގްރީން" ހަރަކާތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ހަރަކާތުގައި ރައީސް ސޯލިހު ވަނީ ކްލީން މޯލްޑިވްސް އިން އަލަށް ތައާރަފުކުރި ތިމާވެއްޓާ ރައްޓެހި "އިކޯ ފްރެންޑްލީ ބޭގް" ލޯންޗުކޮށްދެއްވައިފައެވެ. "ގޯ ގްރީން" ހަރަކާތް ފެށިގެންދިޔައީ އެ ސަރަހައްދުގައި ރައީސް ސޯލިހު އިންދެވި ގަހަށް ފަހުގައެވެ.

އެ ހަރަކާތުގައި ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ 500 މަގޫ އަދި 500 ރުއް، އެ ޖަމިއްތާގެ މެމްބަރުންނާއި ހަރަކާތުގައި ބައިވެރިވި ވަރަށް ގިނަ އެހެނިހެން ޖަމިއްޔާ ޖާމައަތްތަކުގެ މެމްބަރުންނާއި، އެޗްޑީސީ އަދި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އަދި ވަރަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއެކު އިންދައިފައެވެ.

އެ ހަރަކާތުގެ ތެރެއިން އިތުރު 500 ރުއް، 500 މަގޫ ވެސް ކްލީން މޯލްޑިވްސްގެ ފަރާތުން ވަނީ އެޗްޑީސީގެ ނާސަރީއަށް ހަދިޔާކޮށްފައެވެ. އަދި "ބެނެފިޓް" ނަމަކަށް ކިޔާ ޖަމިއްޔާއަކުން 11 ހިތިގަހާއި، ހަ އޯކިޑް ގަސް ވެސް ވަނީ އެޗްޑީސީގެ ނާސަރީއަށް ހަދިޔާކޮށްފައެވެ.

ކްލީން މޯލްޑިވްސް އިން ބުނީ އެ ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ކުރިއަށްއޮތް ތަނުގައި އެންމެ އަވަހަށް މީހުން އާބާދުވާން ތައްޔާރުވަމުން އަންނަ އެއް ސަރަހައްދަށް ވުމާއެކު އެތަން ފެހިކުރުމުގެ ހެޔޮ ނިޔަތުގައި ހިންގި ހަރަކާތެއް ކަމަށެވެ.

ކްލީން މޯލްޑިވްސް އިން އެ ހަރަކާތް ކުރިއަށްގެންދިޔައީ ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލައިގެންނެވެ. އެ ހަރަކާތަކީ އެންވަޔަރަމަންޓް މިނިސްޓްރީން އެންޑޯސްކޮށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުމާއެކު ބޭއްވިގެންދިޔަ ހަރަކާތެކެވެ. އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކުން ވެސް ޕްލާސްޓިކް ފުޅީގެ ބަދަލުގައި އެ ފަރާތްތަކުގެ އަމިއްލަ ފެންފުޅި ކްލީން މޯލްޑިވްސްގެ އެދުމުގެ މަތިން ބޭނުންކުރަމުންދިޔަކަން ފާހަކުރެވިގެންދިޔައެވެ.

ކްލީން މޯލްޑިވްސް އިން ކުރިއަށް ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި މިކަހަލަ އިތުރު ގަސް އިންދުމާ ހަމައަށް ގަސް ހަދިޔާކުރުމުގެ ހަރަކާތްތަކާއި، ގޭގެއިން ބޭރުކުރެވޭ ޕްލާސްޓިކް މަދުކުރުމަށް ރޭވިފައިވާ ހަރަކާތްތަކެއް ވެސް ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ކަނޑަށް އެޅޭ ކުނި މަދުކުރުމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ރޭވިފައިވާ ޕްރޮގްރާމުތަކެއް ވެސް ހިމެނޭކަން އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ.

ކްލީން މޯލްޑިވްސްއަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ، އަދި އެ މަސައްކަތްތައް ކޮށް މިހާރަށްވުރެ ރަނގަޅު ތިމާވެއްޓެއް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފެދިގެން އައި ޖަމިއްޔާއެކެވެ.

ކްލީން މޯލްޑިވްސްގެ ގޯ ގްރީން ހަރަކާތުގެ މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.