އިބްރާހިމް ޒަކީ
ތިލަފުށި ފަޅުތެރޭގައި އޮތް ދަގަނޑު ބޯޓު ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުގެ އިތުރުން ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށްވާތީ އެ މައްސަލައިގަ އިހުމާލުވާ އެންމެންނާ މެދު ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީިން އެގޮތަށް ފާސްކުރީ އެމައްސަލައިގައި ކުން ފުނީގެ މެނޭޖިން ޑިރެކްޓަރާއި ޗެއާމަން އެކި ފަހަރުމަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްގެން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު، އެކަމާބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
"އެމްވީ ސީ ހޯމް ސެފަޔާ" ކިޔާ އެ ދަގަނޑު ބޯޓަކީ ވެރިއަކުނެތް ބޯޓެކެވެ. ހުއްދަ ނުހޯދައި އެ ބޯޓު ތިލަފުށި ފަޅު ތެރޭގައި އެކަރު ކުރީ 2012 ވަނަ އަހަރުގެ ޖުލައި 30ގަ އެވެ.
ވެރިފަރާތް ނޭނގޭތީ ސިވިލް ކޯޓު މެދުވެރިކޮށް ބޯޓު ވަނީ ދައުލަތަށް ނަގައިފަ އެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ގްރޭޓާ މާލޭގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވީ، އެބޯޓު ފަޅުން ނެގުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް ޕާކަވަންއާ ހަވާލުކުރީ އެބޯޓު ފަޅުގައި ބާއްވައިގެން ލިބުނު ގެއްލުންތަކާއި އައިޑީބީގެ 165 ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެކަމުގެ ބިރާއި އެކަމުގެ ޕްރެޝަރާ ހެދިކަމަށެވެ.
އެގޮތުން ބީލަމަށް ނުގޮސް ބަޔަކާ އެ މަސައްކަތް ހަވާލުކުރީ ކުންފުނީގެ ޕްރޮޖެކްޓްސް އިންޖިނިއަރުން ތައްޔާރު ކުރި ރިޕޯޓާއި ލީގަލް ޑިޕާޓްމަންޓުގެ ލަފަޔާއެކު، ދައުލަތާއި ކުންފުންޏަށް އެންމެ ގެއްލުން ކުޑަ ގޮތަކީ އެއީ ކަމަށްވާތީ ކަމަށް އިބޫ ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީގައި އެއަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސެއިން ވިދާޅުވީ، ތިލަފުށީ ފަޅުތެރެއިން ބޯޓު ނެގުމުގެ ހުއްދައަށް ގްރޭޓާ މާލޭ ކުންފުނިން އެދުމުން ފިނޭންސުން ހުއްދަ ދިނީ ބޯޓު ނެގުމަށް ކަމަށެވެ.
އަދި ބޯޓު ނައްތާލުމުގެ ހުއްދައެއް އެއްވެސް ފަރާތަކަށް ދީފައިނުވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މި މައްސަލައާބެހޭގޮތުން ކޮމިޓީން ނިންމި ނިންމުންތަކުގެ ތެރޭގައި ބޯޓް ނެގުމަށް ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެންގުމަށާއި، ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމަލު ކުރައްވާފައިވާތީ އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެއެވެ.
އަދި މިއީ ދައުލަތަށް ބޮޑު ގެއްލުމެއް ލިިބިދާނެ ކަމެއްކަމަަށް ފެންނާތީ، ގެއްލުން ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފިނޭންސް މިނިސްޓްރީ އަށް އެންގުމާއި، މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެ މަސައްކަތް އިއުލާން ކުރި ދުވަހު ރަޖިސްޓްރީ ކުރި ކުންފުންޏަކަށްވާތީ އެ މުއާލަމާތް ތަކަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ އޭސީސީ އާއި އޮޑިޓް އޮފީހަށް ހުށަހެޅުން ހިމެނެއެވެ.
މީގެ އިތުރުން ބޯޓުގެ ވެރިފަރާތް ހޯދުމަށާއި އެ ބޯޓުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރުމަށް ފިނޭންސް އަށް އެމްގުމަށާއޮ ޖީއެމްއައިޒެޑްއެލް ގައި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމްކޮށް، ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ކުންފުންޏަށް އެންގުން ހިމެނެއެވެ.
މައްސަލަ މިހިސާބަށް ގޮސްފައިވާއިރު، އެ ބޯޓު ނެގުމަށް ވެފއިވާ އެއްބަސްވުމަކީ ގްރޭޓާ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުވުން އޮތްކަމެއް ކަމަށް ބުނެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިންމައި، ބަދަލުގެ ގޮތުގައި 708،511 ޑޮލަރު (10.9 މިލިއަން ދިވެހި ރުފިޔާ) ހޯދަން ޕާކަވަން ވަނީ ދައުވާކޮށްފައެވެ.