އިބްރާހިމް ޒަކީ
ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއް އެކުލަވާލައި އަންނަ އަހަރު ރައްޔިތުންގެ ހިޔާލަށް ހުޅުވައިލެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ ބައިނަލް އަގުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ މުނާ ސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ މި ސިނާއަތަށް ކުރެވޭ އިތުބާރު ބޮޑުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީ ހޯދުމަށް ކުރާ މަސައްކަތުގައި އެފަދަ ގާނޫނެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އައި އެ ގާނޫނުގެ ބިލު އާއްމު ކުރުމުން ވައިގެ ދަތުރު ފަތުރުގެ ނިޒާމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކާއި އާއްމުކޮށް އެންމެހާ އަފްރާދުން ގާނޫނުގެ ދެލިކޮޕީ ދިރާސާކޮށް ހިޔާލު ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާއަތު ތަރައްގީވަމުން ފުޅާވަމުން މިހާހިސާބަށް އައި އިރު ބަދަލުކޮށް އިސްލާހުކޮށް ޒަމާނީ ކުރަންޖެހިފައިވާ ކަންތައްތައް އެބަހުރި ކަމަށެވެ.
މިގޮތުން 2020 ވަނަ އަހަރު ގެނެވޭ އެންމެ މުހިއްމު ބަދަލަކީ މަދަނީ ވައިގެ ދަތުރު ފަތުރު ކުރުމުގެ ގާނޫނު އިސްލާހު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
"އިސްލާހު ކުރާ ގާނޫނުގެ ސަބަބުން މި ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމަށް މިހާރަށްވުރެ ފުރިހަމަ ގާނޫނީ ތަރަހައެއް ގާއިމް ކުރެވިގެންދާނެ. އަދި ތަރައްގީ ވެފައިވާ ގައުމުތަކުގެ އެފަދަ ގާނޫނު ތަކުގައި ހުންނަ މިންވަރަށް ސަލާމަތީ މިންގަނޑުތައް ގާއިމް ވެގެން ދިއުމުގެ އިތުރުން ވައިގެ ދަތުރު ފަތުރުގެ އެކްސިޑެންޓްތައް ތަހުގީގު ކުރެވޭނެ ދައުލަތުގެ މުސްތަގިއްލު އިދާރާއެއް އުފެދިގެންދާނެ، އެހެންކަމުން ވައިގެ ދަތުރު ފަތުރުގެ ދާއިރާއަށް ވެސް އޮތީ ފާގަތި މުސްތަގުބަލެއް،" މިނިސްޓަރު ވިދާޅުވިއެވެ.