ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުން ޕީޓާ ސެގަޓް ވަކިކޮށްފިއެވެ.
ސެގަޓް މަގާމުން ވަކިކޮށްފައި މިވަނީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހުއެވެ.
އެފްއޭއެމް އިން ބުނީ ސެގަޓް އާއި އެސޯސިއޭޝަނާ ދެމެދު މަޝްވަރާކުރުމަށްފަހު ކޯޗާއެކު ހެދިފައިވާ އެއްބަސްވުން މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެފްއޭއެމް އިން ވަނީ ސެގަޓު ޓީމަށް ހޯދައިދިން ކާމިޔާބީތަކަށާއި ކުރިއެރުންތަކަށް ޝުކުރު އަދާކޮށްފައެވެ.
ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޓީމު ކުޅުނު ހަތަރު މެޗު ވެސް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ. އެހެންކަމުން 1991 ވަނަ އަހަރަށްފަހު ގޭމްސްގައި ފުޓުބޯޅައިން ރަން މެޑައްޔެއް ހޯދުމަށް ކުރަމުންދިޔަ އުންމީދަށް ވަނީ ނިމުމެއް އައިސްފައެވެ. 1991 އަހަރު ރިހި މެޑަލް ހޯދުމުގެ ކުރިން 1984ގައި ރާއްޖެއިން ލޯ މެޑަލް ހޯދިއެވެ. އަދި 2010ގައި ވެސް ރާއްޖެއަށް ހޯދުނީ ލޯ މެޑަލްއެވެ.
މިއަހަރުގެ ގޭމްސްގައި ކުޅުނު ފުރަތަމަ ދެ މެޗު އެއްވަރުވެގެން ނިންމާލި އިރު، ފަހު ދެ މެޗު ނިންމާލީ ބަލިވެގެންނެވެ. ފުރަތަމަ މެޗުގައި ލަންކާ އަތުން އެއްވަރުވީ 0-0ގެ ނަތީޖާއަކުންނެވެ. ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވި އިރު، ރާއްޖޭގެ ތިންވަނަ މެޗުގައި 2-1ގެ ނަތީޖާއަކުން ވަނީ ބޫޓާން އަތުން ބަލިވެފައެވެ. އަދި މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވީ ވެސް 2-1ގެ ނަތީޖާއަކުންނެވެ.
މާޗް 2018ގައި ރާއްޖޭގެ ކޯޗުކަމާ ހަވާލުވިފަހުން ސެގަޓަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. އެއީ ރާއްޖެއިން ކާމިޔާބުކުރި ދެވަނަ ސާފް ޗެމްޕިއަންޝިޕެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބުކުރީ 2008 ގައެވެ.