އޭޝިއަން ކަޕް

ސޮންގެ ތަފާތާއެކު ދެކުނު ކޮރެއާ ސެމީއަށް، ސެގަޓްގެ ދަތުރު ނިމުމަކަށް

އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުތަކުން މޮޅުވެ، ޖޯޑަންއާއި ދެކުނު ކޮރެއާއިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ގަތަރުގައި ކުރިއަށްދާ އޭޝިއަން ކަޕްގެ ކުއާޓާ ފުރަތަމަ މެޗުގައި ޕީޓާ ސެގަޓް ކޯޗުކަން ކޮށްދެމުން އަންނަ ތަޖިކިސްތާނާ ދެކޮޅަށް ނުކުރީ ޖޯޑަންއެވެ. އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ޖޯޑަންއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޖޯޑަންގެ ހަމައެކަނި ގޯލަކީ ތަޖިކިސްތާނުގެ ވަހުދަތު ހަނޮނޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިފަހަރުގެ އޭޝިއަން ކަޕަކީ ތަޖިކިސްތާނުގެ ފުޓުބޯޅަ ތާރީހުގައިވެސް ތާރީހީ މުބާރާތެކެވެ. އަލަށް އޭޝިއަން ކަޕްގައި ވާދަކޮށް، ކުއާޓާއަށް ދަތުރުކުރުމުން އެއީ ކޯޗު ސެގަޓަށް ލިބުނު ބޮޑު ފަހުރެކެވެ.

އޭނާއަކީ ރާއްޖެއާއެކު 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗެވެ. ރާއްޖެއިން ސެގަޓް ދިޔައީ ކުޅުންތެރިންނާ ކޮންމެވެސް މައްސަލަތަކެއް ޖެހިގެންނެވެ.

ދެކުނު ކޮރެއާއާއި އޮސްޓްރޭލިއާ އަލް ޖަނޫބު ސްޓޭޑިއަމްގައި ރޭ ކުޅުނު ކުއާޓާ ދެވަނަ މެޗު ނިމުނީ ތަފާތު ފޯރިގަދަކޮށެވެ. މެޗު އިތުރު ވަގުތަށް ގޮސް، 2-1 އިން ކޮރެއާއިން ކާމިޔާބުކުރި އިރު، އިތުރު ވަގުތަށް ދިޔައީ 1-1 އިން އެއްވަރު ކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ކްރެއިގް ގުޑްވިން ޖެހި ގޯލުން އޮސްޓްރޭލިއާ ލީޑު ނަގައިގެން ކުޅެމުން ގޮސް، ދެކުނު ކޮރެއާއިން ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައެވެ. އެ ގޯލަކީ ޓޮޓެންހަމް ފޯވަޑް، ކޮރެއާގެ ކެޕްޓަން ހިއުން-މިން ސޮން އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ވޭންގް ހީ-ޗޭން ޖެހި ގޯލެކެވެ.

އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ގޮސް، 104 ވަނަ މިނެޓުގައި ސޮން ވަނީ އޭނާގެ ފެންވަރު ދައްކާލައި ކޮރެއާއަށް ލީޑު ނަގައިދީފައެވެ. އެ ގޯލު ސޮން ޖެހި ހިލޭ ޖެހުމެއް ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.