ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގައި ސްރީލަންކާ ބަލިކޮށް، ރާއްޖޭގެ ގައުމީ އަންހެން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.
އަންހެން ފުޓުބޯޅަ އިވެންޓުގައި ހަތަރު ޓީމު ބައިވެރިވެފައިވުމުން، އެ އިވެންޓު ކުރިއަށްގެންދަނީ ލީގު އުސޫލުންނެވެ. މިއަދު ލަންކާ އާއި ރާއްޖެ މެޗަށް ނުކުތް އިރު، އެ ދެ ޓީމު ވެސް ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ.
ރާއްޖެ އިން ވަނީ މިއަދު 2-1ގެ ނަތީޖާއަކުން ލަންކާ ބަލިކޮށް ތިންވަނަ ހޯދައިފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ލަންކާއަށް ލިބުނީ ހަތަރުވަނައެވެ. މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާމިނަތު ޝާމިލާ އާއި އާއިޝަތު ފިރުޝާއެވެ.
ލީގު ބުރުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.
ގޭމްސްގެ އަންހެން ފުޓުބޯޅަ އިވެންޓުގެ ރަން މެޑަލް އަދި ރިހި މެޑަލް ހޯދާ ޓީމު ކަށަވަރުވާނީ ފައިނަލް މެޗަށްފަހުއެވެ. އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދި އިންޑިއާ އާއި ދެވަނަ ހޯދި ނޭޕާލެވެ. ލީގު ބުރުގައި މިއަދު އެ ދެ ޓީމު ބައްދަލުކުރި މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޑިއާ އިންނެވެ.