ޚަބަރު

ހުވާކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް އެއާޕޯޓު ބަހުގެ ހިދުމަތް މެދުކަނޑާލަނީ

އަހުމަދު ޖައިޝަން

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ވަގުތާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ހުޅުލެއަށް ކުރާ ބަހުގެ ދަތުރުތައް މެދުކަނޑާލާނެ ކަމަށް ބުނެ މިއަދު ކުރި ޓްވީޓެއްގައި އެކުންފުނިން ބުނީ އެއާޕޯޓް ބަހުގެ ހިދުމަތް މިއަދު 1530 އިން ފެށިގެން 1945 އާ ހަމައަށް މެދުކަނޑާލާނެ ކަމަށެވެ.

އެގޮތަށް ބަހުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ޑެލިގޭޓުންގެ ސަލާމަތީ ޕްރޮޓޮކޯލްގެ ދަށުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފެށްޓެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 1700 ގައެވެ. އަދި އެ ރަސްމިއްޔާތު ކުރިއަށްދާނީ ގަލޮޅު ސްޓޭޑިއަމްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ދައުލަތުގެ އިސް ފަރާތްތައް އެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިންނަވާއިރު ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ސައުދީ އަރަބިއްޔާގެ ޕްރިންސް ޑރ. މަންސޫރު ބިން މުތައްއިއްބު ބިން އަބްދުލް އަޒީޒް އަލްސައުދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.