ކުރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުުވުމުގައި ކުރިމިނަލް ކޯޓަށް އައްޔަން ކުރަން ނިންމާފައިވަނީ ޅ. ހިންނަވަރު މާތިލަ، އާދަމް މުހައްމަދެވެ. ލޯ އިން މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި އާދަމް މުހައްމަދަކީ މީގެ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ.
ސިވިލް ކޯޓަށް އައްޔަން ކުރަން ނިންމާފައިވަނީ ދ. ކުޑަހުވަދޫ/ ވައިލެޓްގެ ރިޒްމީނާ އާއި ތ. ވިލުފުށި/ ބަސަރާ، އަހުމަދު އަބްދުލްމަތީން އާއި ސ. މީދޫ/ ހަސަންކާރިގެ، ފައްޔާޒު ޝާތިރު އަދި މއ ޕެންޒީވިލާ، އާއިޝަތު އަޒްފާ އަބްދުލްޣަފޫރެވެ.
ޖޭއެސްސީން ބުނީ، އެބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރަން ނިންމީ، ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި 39 ފަރާތުގެ ތެރެއިން ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 16 ފަރާތްތަކުގެ ތެރެއިން އިންޓަވިއަށް ޝޯޓްލިސްޓް ކުރުމަށްފަހު ދެ މެޖިސްޓްރޭޓަކަށް ދެ ބޭފުޅަކު އައްޔަން ކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.
އެ ބޭފުޅުންނަކީ ތ. ހިރިލަންދޫގެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް ކަމަށް ތ. ކިނބިދޫ/ ނަސްރުއްސަބާ އަބްދުﷲ ހުސެއިން އާއި ކ. ގުރައިދޫގެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ލ. މާވަށް/ ނަލަމަލަ، ފަތުހުﷲ ޖަމީލު މޫސާއެވެ.