ނޭޝަނަލް އާޓް ގެލަރީ ކައިރިން ފޭރެން އުޅުނު ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދުގެ 18:23 ހާއިރު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު، މެދުޒިޔާރާތް މަގުގެ ނޭޝަނަލް އާޓް ގެލެރީ ކައިރީ ތިބި ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ފޭރެންއުޅޭ ކަމަށް ޝައްކުކުރެވިގެން ދެމީހުން ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.
އޭރު އޭގެ ތެރެއިން އެކަކުގެ ހުރީ ރުމާލަކުން މޫނު ނިވާކޮށްގެން ކަމަށާއި ނަމަވެސް ފުލުހުން ފެނުމުން އޭނާ އެރުމާ ކަރާއި ހަމާއަށް ތިރިކުރަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، ދެމީހުން ބަލައި ފާސްކުރުމުގައި އޭގެ ތެރެއިން އެކެއްގެ ބުރަކަށި ފަރާތުން ޖިންސާއި ގަމީސް ދޭތެރެއަށް ފައިވާނެއް ޖަހާފައިހުރިއިރު، އޭނާގެ ޖިންސުގެ ވައަތު ފައިކުރި ތެރެއިން ކައްޓާއެކު އޮތް ސިރިންޖެއް ފެނިފައިވާ ކަމަށެވެ. އަދި ދެވަނައަށް ހުރި މީހާ ގެންގުޅުނު ކަޅުކުލައިގެ ވޮލެޓެއް ތެރެއިން ކަތުރެއް ފެނިފައިވާއިރު، އޭނާ ގެންގުޅުނު ޗޮކޮލެޓް ކުލައިގެ ވޮލެޓެއްގެ ތެރެއިން އެހެން މީހެއްގެ ތިން ކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.