ޚަބަރު

ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނަން: ޝިޔާމު

1

ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

"އަނިޔާވެރި ހުކުމާއި ދެކޮޅަށް"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު އިސްވެ ހުންނަވައިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަންގައިގެން ހިންގި ގާނޫނުއަސާސީއާ ހިލާފު ތަހުގީގެއްގެ މައްޗަށް ކަމަށެވެ.

އޭގެ އިތުރުން ޕްރޮސެިކިއުޓާ ޖެނެރަލް ރައީސް ޔާމީންގެ މައްޗަށް ދައުވާ އާއި ފުލުހުން ހިންގި ތަހުގީގަކާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ފަނޑިޔާރުން އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވިއިރު، ދިފާއީ ވަކީލުން ދެއްކެވި ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ރައީސް ޔާމީން ޖަލުން ގެޔަށް ބަދަލުކުރާނެ ކަމަށާއި އަދި އެމަނިކުފާނު މިނިވަންކޮށްފައި އެކަން ރައީސް ސޯލިހަށް ވެސް ދައްކާނެ ކަމަށެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި، ގިނަވެގެން ޖެނުއަރީ ހައެއްގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލުކުރާނަން. ކުރިއަށް އޮތް އެއް މަސް ދުވަސް ހަރަކާތްތްތަކުގައި ވަޑައިގަންނަވާ. އިބްރާހިމް މުހައްމަދު ސޯލިހަށް ދައްކާނަން މިނިވަންކޮށްފައި،" ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައީސް ޔާމީނާ ދޭތެރޭ ކުރަމުންދާ ކަންތައް ބަލަނީ ދިވެހި ރައްޔިތުން އެކަނި ނޫންކަމަށާއި އެކަން މުޅި ދުނިޔެ ބަލަމުންދާ ކަމަށެވެ. އެގޮތުން ފަނޑިޔާރުގެތަކަށް ރައީސް އޮފީހުން ސީދާ ނުފޫޒުދާ ކަމަށް ތުހުމަތު ކުރައްވާ އޭނާ ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއްގައި އެ އެންމެންނާ އިންސާފު އަރާ ހަމަކުރާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟